އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާއަކަށް ހިޔާވަހިކަން ފޯރުކޮށްދީފި
މާލޭ ގަލޮޅު ސައިރިކްސް ކޮލެޖު ކައިރީގައި ހުރި ހަދަމުންދާ އިމާރާތެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު އާއިލާއަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި، ގަލޮޅު ވިންޓަރ ހައުސް 3 ގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭ 23:22 ހާއިރުއެވެ. އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ކުރި މަސައްކަތުން، އިމާރާތުގައި ރޯވެފައި ހުރި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ ރޭ 23:56 ހާއިރުއެވެ.
އެންޑީއެމްއޭ އިން ވިދާޅުވީ މި ހާދިސާއާ ގުޅިގެން އިންސާނީ އެހީތެރިކަން ބޭނުންވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން، އެ އިދާރާއިން ވަނީ އެއް އާއިލާއަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައެވެ.
އެންޑީއެމްއޭގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ އާއިލާއަށް އެއް ރޭގެ ހުރުން ހަމަޖައްސައިދީފައިވަނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި އެމީހުން ދިރިއުޅޭ ގެއަށް ވަރަށް ބޮޑަށް ދުން ވަނުމުގެ ސަބަބުން އެގޭގައި ދިރިއުޅެން ދަތިވުމާ ގުޅިގެންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމާބެހޭ ފަރާތްތަކުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.






ރިއެކްޓް