ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއްވެސް ބޭރު ބަޔަކަށް ދިނުމަށް އެމްޑީޕީން ދެކޮޅު: ފައްޔާޒް
ދިވެހިރާއްޖޭގެ ފަސްގަނޑުން އެންމެ އިންޗިއެއްވެސް ބޭރު ބަޔަކަށް ދިނުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ދެކޮޅުހަދާކަމުގައި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ބޭރު ފަރާތްތަކަށް ރާއްޖެއިން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޝްވަރާކުރާކަމަށް ދެކެވެމުންދާ ވާހަކައަށް ރިޢާޔަތްކޮށް ފައްޔާޒު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ކެބިނެޓު ލެވެލްގައި އަދި އެނޫންވެސް ގޮތެއްގައި މަޝްވަރާ ވެސް ކުރެވިގެން ވާނެ ކަމެއް ނޫންކަމަށެވެ.
އަދި ވެރިކަންކުރާ ޕީއެންސީއާއި އެޕާޓީއާއި ކޯލިޝަންގައި ހިމެނުނު ޕީޕީއެމް އަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ގައުމު ފޮތިފޮތިކޮށް އަމިއްލަ ޖީބަށް ފައިސާ ޖަމާކުރުމަށް ގާނޫނުއަސާސީ އާއި ގާނޫނުތައް ބަދަލުކުރާ ކަމަށް ވިދާޅުވެ 2015 ވަނަ އަހަރު ޕީޕީއެމްގެ މެޖޯރިޓީން ގާނުނަށް ގެނައި ބަދަލު ފައްޔާޒް ފާހަގަކުރެއްވިއެވެ.
ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށްް އޭރު ގެނެވުނު އިސްލާހު އެމްޑީޕީއަށް މެޖޯރިޓީ ލިބުމުން ވަނީ ބާތިލުކޮށްފައެވެ.
ފައްޔާޒުގެ ޕޯސްޓުގައި އިތުރަށް ބުނި ގޮތުގައި ރައީސް މުއިއްޒު ގެންދަވަނީ ދީނާއި ގައުމިއްޔަތު ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރައްވަމުން ކަމަށާއި ބަހާއި އަމަލުން ދައްކަނީ މުޅިން އެހެން މަންޒަރެއްކަމަށެވެ. އަދި މިކަމާއި ދެކޮޅަށް ބަހެއް ބުނާނެ އަދި ގައުމުގެ ހައްގުގައި ކެރިގެން ނުކުންނާނެ އެއްވެސް މީހަކު، ވަޒީރަކު އަދި ސިޔާސީ މުވައްޒަފަކު ޕީއެންސީގައި ނެތީތޯ ފައްޔާޒު ސުވާލު އުފެއްދެވިއެވެ.






ރިއެކްޓް