މާލޭ މޭޔަރުގެ ވޯޓު – އެމްޑީޕީއާއި ބަޣާވާތުގެ ކުރިމަތިލުން
އެމްޑީޕީގެ ފިކުރަށް ތާއީދުކުރާ, އެމްޑީޕީއަށް ހިތުގައި ހާއްސަ ޖާގައެއް ދެވިފައިވާ އެންމެން އެކައްޗެއް ކިޔާ އެއްކަމެއް އޮވެއެވެ. އެއީ ޑިމޮކްރަސީގެ ހަމަތަކުގެ މަތީން 2008 ވަނަ އަހަރު ރާއްޖޭގައި އިންތިޚާބުކުރި އެމްޑީޕީގެ ސަރުކާރު ވައްޓާލީ ބަޣާވާތަކުން ކަމެވެ. އެދުވަހުގެ ހިތިކަމާއި އެއާއި ވިދިގެން ފެނިގެންދިޔަ އެއްބައިވަންތަ, ބިޔަ ބޮޑު އެމްޑީޕީ އަކީ އެޕާޓީގެ ތާރީޚުގައި ލިޔެވި ބިންވަޅު ނެގިފައިވާ ޚާއްސަ ހަނދާނެކެވެ. އަދި އެ ބަޣާވާތުގައި ބައިވެރިވި މީހުންނާއި ބަޣާވާތަށް ހިތްވަރުދިން މީހުންގެ މޫނުތަކަކީ އެމްޑީޕީން ދުވަހަކުވެސް ހަނދާން ނައްތާލާނެ މޫނުތަކެއް ނޫނެވެ. ނުވެސް ނެތޭނެ މެއެވެ.
ޒަމާންތަކަކަށް ފަހު އަނެއްކާވެސް އެމްޑީޕީގެ އެ ޒަޚަމު އަލުން ރޯވެ ތާޒާވާން ފަށާފައި މިވަނީ އެކި ސިފަ ސިފައިގައި ފިލައިގެން ސިފަ ބަދަލުކޮށްގެން ތިބި ބަޣާވާތުގެ ބައިވެރީން އެމްޑީޕީގެ މަތީ ފަޑިއާއި ހަމައަށް ވާސިލުވެއްޖެކަމުގެ އަޑުތައް އެމްޑީޕީގެ އެތެރޭގައި އިވެން ފެށުމުންނެވެ. އަދި އޮޅުވާލުމުގެ ތެރެއިން އެމްޑީޕީގެ އިސް ސަފަށް ބަޣާވާތުގެ ބައިވެރިން އަންނަން މަސައްކަތް ފަށައިފިކަން އެމްޑީޕީގެ މެންބަރުންނަށް އިހުސާސްވާން ފެށުމުންނެވެ.
މިއީ ކުރިއަށް އޮތް އެމްޑީޕީގެ މާލޭ މޭޔަރު ޕްރައިމަރީގެ ފަރުދާގެ ފުރަގަހުގެ ވާހަކަތަކެވެ.
ހަޤީގަތުގައި ކުރިއަށް އޮތް އެމްޑިޕީ މާލޭ މޭޔަރުކަމުގެ ޕްރައިމަރީއަކީ އެ ޕްރައިމަރީގައި ވާދަކުރާ ދެ އާޒިމާއި ކުޑަވެސް ގުޅުމެއް އޮތް އިންތިޚާބެއް ނޫނެވެ. މިއީ 07 ފެބްރުއަރީ ބަޣާވާތުގެ ދެވަނަ ކުރިމަތިލުމެވެ. މިއީ އެމްޑީޕީއާއި ބަޣާވާތުގެ ކުރިމަތިލުމެވެ. މި ވޯޓަކީ ބަޣާވާތުގެ ބައިވެރިންނަށް އެމްޑީޕީގެ ސަފުތަކުގައި ރެނދު އަޅުވާލެވިއްޖެކަން ސާފުވާނެ ވޯޓެވެ.
07 ފެބްރުއަރީގެ ބަޣާވާތުގެ އިސް ކޮމާންޑަރު އަދި އެމްޑީޕީގެ މޭޔަރު ޕްރައިމަރީގައި ވާދަކުރާ އާދަމް އާޒިމްގެ ބޭބެ މުޙައްމަދު ނާޒިމު ދުރާލައި ރާވައިގެން އެމްޑީޕީގެ ސަފުތައް ރޫޅާލަން ކުރާ މަސައްކަތުގެ ނަތީޖާއާއި ހަމައަށް ވާސިލުވުމަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު, މި މަސައްކަތުގެ ފެށުމަށް ބަލާލަން ޖެހެއެވެ.
07 ފެބްރުއަރީ ނިމި 08 ފެބްރުއަރީގައި އެމްޑިޕީގެ ދިފާޢުގައި ނުކުތް ބިޔަ ބޮޑު ލަޝްކަރު ބައިބައި ކުރުމުގެ މަސައްކަތް ނާޒިމް ފެށީ އެ ލަޝްކަރު ފެނި އެ ލަޝްކަރުގެ ސަބަބުން އޭނާގެ އާއިލީ މުއްސަނދިކަމާއި ހިތުގައި އޮތް ވެރިކަން ހޯދުމުގެ އެދުމަށް ހުރަސް އެޅިދާނެކަން ޔަގީންވުމުންނެވެ.
އެދުވަހަށްފަހު ރާއްޖޭގައި އިންތިޚާބުވީ ހުރިހާ ވެރިކަމެއްގައިމެ ނާޒިމް ގެންދަނީ ބާރުގަދަ ނުފޫޒަކަށް ވެހުރެ އަމިއްލަ މަސްލަހަތާއި އާއިލީ މުއްސަނދިކަން ބޮޑުކުރަމުންނެވެ. މިކަން ރާއްޖޭގެ ހުރިހާ ދިމާލަކަށް ބަލާލުމުންވެސް ސާފުކޮށް އެނގިގެންދެއެވެ. އަދި "އާރުސީސީ" ގެ ނުފޫޒާއި ބާރުން ހޯދާފައިވާ ފައިސާވެރިކަމާއި މުދާވެރިކަމާއި ބިންވެރިކަމާއި ނުހައްގު މުއްސަނދި ކަމަކީ އޭގެ ފަހަތުގައި ނުރައްކާތެރި ރޭވުންތައް ހުރި ކަންކަން ކަމީ ގިނަ ދިވެހީންނަށް މިއަދު އެނގޭ ހަގީގަތެކެވެ. އަދި ޚާއްސަކޮށް އެމްޑީޕީއަށާއި ޕާޓީގެ އިސްލާހީ މަސައްކަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަށް މިކަން ވެއްޖެކަން ޕާޓީގެ އިސް ބައެއް ވެރިންނަށް މިހާރު ރޭކާލައިފިއެވެ.
2004 އިން ފެށިގެން އިސްލާޙީ މަސައްކަތް ކުރަމުންއައި ރައްޔިތުންނާއި, ބަޣާވާތަށްފަހު މަގުތަކުގެ މައްޗަށް ނުކުންނަމުންއައި ރައްޔިތުންގެ އަދަދަށް ބަލާ ވިސްނާފިކުރުކޮށްފި ކޮންމެ ރައްޔިތަކަށް, މަގުމަތީން ރެޔާއިދުވާލު ބަޣާވާތުގެ ސަރުކާރުގެ އަނިޔާވެރިކަމާއި ކުރިމަތިލަމުންދިޔަ ރައްޔިތުން ގޮވަމުންދިޔައީ އަނިޔާވެރިކަމާއިފައިސާއަށް ނޫނެކޭ ކަން އެއީ މުޅިރާއްޖެ ދެބަސްނުވާނޭ ހަގީގަތެކެވެ.
"މަނީ މަނީ- ނޯ ސަރ" މި އަޑު ރާއްޖޭގައި އަލުން ގުގުމާލާ ދުވަސް އަނެއްކާވެސް ގާތް ވެއްޖެ ކަހަލައެވެ. އެމްޑީޕީގެ އެތެރޭގައި ހުރެ, މާލޭ މޭޔަރުކަމުގައި އެމްޑީޕީ ތަމްސީލުކުރަމުން އާދަމް އާޒިމް ދައްކަމުންދަނީ އެމްޑީޕީން އަބަދުވެސް ދެކޮޅުހަދާ ސިޔާސަތުތަކަކީ އޭނާ އެންމެ އިސްކަންދޭ ސިޔާސަތުތައް ކަމެވެ. ކުރީގެ މޭޔަރު ޑރ. މުއިއްޒާއި އެކު ސިޔާސީ ވަގު ޑީލު ހަދައި މުއިއްޒުގެ ޖަރީމާތައް ފޮރުވުމާއި އާރުސީސީ އާއި އާއިލީ އެތައް ކުންފުންޏަކަށް އެތައް ނާޖާއިޒު ފައިދާތަކެއް ހޯދައިދެއްވަމުންދަނީ "ފަހުން މިކަންކަން ފަޅާއެރިޔަސް ހެޔޮ" ވިސްނުމެއްގައި ކަހަލައެވެ.
އާދަމް އާޒިމު މޭޔަރުކަމުގައި ހިންގަމުންދާ ޖަރީމާތަކުގެ ތެރެއިން މިއަދާއި ހަމައަށް ފެންނަންހުރި ކަންކަމުން ދައްކުވައިދެނީ އެންމެ ހަގީގަތެކެވެ. އާޒިމުގެ ހުރިހާ ކަމެއްވެސް ގޮސް ނިމެނީ ބޭބެ މުހައްމަދު ނާޒިމުގެ މަސްލަހަތައް ކަމެވެ. ބަޣާވާތުގެ އިސްލީޑަރު ނާޒިމަށް "ގައުމީ ބަތަލެއް" ގެ ލަގަބު ދިން މީހެއްގެ ހިތުގައި އެމްޑީޕީއަށް އެއްވެސް ހާއްސަ ޖާގައެއް އޮންނާނެ ކަމަށް ހީކުރުމަކީވެސް ހެޔޮވިސްނޭ ބަޔަކު ގަބޫލުކުރާނެ ކަމެއް ނޫނެވެ.
އާއިލީ ގުޅުމަށްވުރެ ސިޔާސީ ފިކުރު ވަރުގަދަވެދާނެ ކަމަށް އެމްޑީޕީގެ މެންބަރުންނަށް ހީކުރެވުން ގޯސްކަން މިއަދު މިވަނީ ސާފުކޮށް ފެންނަން ފަށާފައެވެ. ފަސްބައިގައި ކިލަނބުކަމެއް ނެތް ކަމަށް ދައްކައިގެން އެމްޑީޕީއަށް އިޚުލާސްތެރިވާނޭ ކަމަށް އަހުދާއި ވައުދު ވީ އާދަމް އާޒިމްގެ ހަގީގީ ކުލަ މިއަދު އެމްޑީޕީގެ އާއްމު މެންބަރުންނަށް ފެނިއްޖެއެވެ. މޭޔަރުކަމުގެ ޓިކެޓު ހޯދުމަށް އެމްޑީޕީއާއި ގުޅުނު އާޒިމުގެ ހިތް އެއްވެސް އިރެއްގައި އެމްޑީޕީއަށް ހެޔޮނުވާނެކަން މިއަދު މިދަނީ ފެންނަމުންނެވެ.
އެމްޑީޕީގެ މެންބަރުން މިއަދު ހޭލަން ވެއްޖެއެވެ. ވަގުތު ފާއިތު ނުވަނީސް ފިޔަވަޅު ނާޅައިފިނަމަ, މީގެ 13 އަހަރު ކުރިން އެމްޑީޕީއާއި ދެކޮޅަށް ހިންގި ބަޣާވާތުގެ ބައިވެރީން އެމްޑީޕީގެ އިސް ސަފުތައް ހައިޖެކް ކުރުން މިއަދު އޮތީ ދުރެއްގައެއް ނޫނެވެ. ކުރިއަށް އޮތީ ސިޔާސީ ބަނަ ދުވަސްތަކެއްކަން ގަބޫލުކޮށް އިސްލާހީ މަސައްކަތުގައި ތެދުވާން ޖެހިއްޖެއެވެ. ޚިޔާރު ކުރާނީ ފަހުދުވާހާއި ހަމައަށްވެސް ބަޣާވާތަށް ނޫނެކޭ ބުނާ އާޒިމުތޯ, ބަޣާވާތުގެ ބައިވެރިންނަށް ތައުރީފުކުރާ އާޒިމުތޯ މިއަދު މިވަނީ ނިންމަން ޖެހިފައެވެ. މާލޭ މޭޔަރުގެ ވޯޓުގައި ކުރިހޯދާނީ އެމްޑީޕީ ތޯ ނުވަތަ ބަޣާވާތުގެ ބައިވެރިންތޯ ނިންމާނީ ހަމަ އެމްޑީޕީގެ އިހުލާސްތެރި މެންބަރުންނެވެ.






ރިއެކްޓް