އެފްއޭއެމް ވިމެންސް ފުޓުބޯޅަ ލީގު މާޒިޔާއިން ކާމިޔާބުކޮށްފި
އަހަރުތަކެއް ފަހުން އެފްއޭއެމް އިން އިންތިޒާމުކޮށްގެން ބޭއްވި އެފްއޭއެމް ވިމްނެސް ފުޓުބޯޅަ ލީގު 2025، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ކާމިޔާބުކޮށްފި އެވެ.
މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ލީގުގެ ފަހު މެޗުގައި މާޒިޔާއިން ވަނީ 2-0 ގެ ނަތީޖާއަކުން އޮޑި ސްޕޯޓްސް ކްލަބް ބަލިކޮށް، އެއްވެސް މެޗަކުން ބަލިނުވެ ލީގު ނިންމާލާފަ އެވެ.
ވާދަވެރި ހަމަހަމަ ކުޅުމެއް ކުޅުނު މި މެޗުގައި މާޒިޔާގެ ގޯލުތަށް ކާމިޔާބުކޮށްދިނީ ބިދޭސީ ދެ ކުޅުންތެރިންކަމަށްވާ ނޭޕާލް ގެ ރޭކާ ޕޯޑެލް އާއި ދީޕާ ޝާހީ އެވެ. ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑެއް ޖެހިފައެއް ނުވެ އެވެ. ނަމަވެސް ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނިޓުތެރޭ ރޭކާ ވަނީ ލިބުނު ފުރުސަތެއްގައި މާޒިޔާއަށް ލީޑު ހޯދައިދީފަ އެވެ. ލީޑު ފުޅާކުރަން މާޒިޔާއަށް ލިބުނު ޕެނަލްޓީ ރޭކާ އަތުން ބޭރުވި ނަމަވެސް އިތުރު ވަގުތުގައި ދީޕާގެ ކާމިޔާބުކޮށްދިން ގޯލުން މާޒިޔާއަށް ލީގު ކަށަވަރުވި އެވެ.
މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވުނީ ރޭކާ އެވެ. އަދި އެންމެ މޮޅު ދިވެހި ކުޅުންތެރިޔަކަށް ހޮވުނީ އޮޑީގެ ކެޕްޓަން ފާތިމަތު ސާލިޔާ އެވެ. އެންމެ ގިނަ ލަނޑު ޖަހާ ރަން ބޫޓު ވިކްޓްރީ ގެ ބިދޭސީ ކުޅުންތެރިޔާ ރުސްޓލޭވާ ލޭލާ ހޯދި އިރު އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ހޯދީ ހަމަ އެ ކްލަބުގެ އައިޝަތު ޝަހާ ޝަރީފެވެ.






ރިއެކްޓް