ކާވާ ކަޕް: އަފްގާނުވެސް ބަލިކޮށް ރާއްޖެ މިރޭ ކިރްގިސްތާނާ ދެކޮޅަށް
މިހާރު މާލޭގައި ކުރިއަށްދާ ވިމެންސް ކާވާ ކަޕް 2025 ގައި ރޭ ކުޅުނު މެޗުން އަފްގާނިސްތާން ބަލިކޮށް ރާއްޖެއިން ރިކޯޑު ދަމަހައްޓައިފި އެވެ.
ސޯޝަލް ސެންޓަރު އިންޑޯ ކޯޓުގައި ރޭ ކުޅުނު މި މެޗު ރާއްޖެ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތަށް ރާއްޖެއިން ގެންދިޔައީ 20-25، 13-25، 12-25 އިންނެވެ. މިއަދުގެ މެޗު ފެށުމުގެ ކުރިން ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އިބްރާހިމް އާދިލްގެ ހަނދާނުގައި ވަނީ ސުކޫތެއް ބާއްވާފަ އެވެ.
މެޗުގެ ފުރަތަމަ ސެޓުގައި އަފްގާނުން ރަނގަޅު ކުޅުމެއް ދައްކާ 20 ޕޮއިންޓް ހޯދި ނަމަވެސް އަނެއް ދެ ސެޓުގައި ރާއްޖެއިން ކުޅުނީ ވަރަށް ހަމަޖެހިލައިންނެވެ. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން މެޗުގެ ބޮޑުބައި ކުޅުނުއިރު މެޗުގައި ރާއްޖޭގެ ސެޓަރު ޖޫޒަން އަދި ދެ ސްޕައިކަރުން ކަމަށްވާ ޝަމާ އަދި ކެޕްޓަން ހައްވަ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.
މި މުބާރާތުގައި މިރޭ ރާއްޖެއިން ބައްދަލުކުރާނީ މުބާރާތުގައި ސައްތައިން ސައްތަ ރިކޯޑަކާއި އެކީ މިހިސާބަށް ދަތުރުކުރި ކިރްގިސްތާނާއި އެވެ. މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 20:30 ގައެވެ.






ރިއެކްޓް