ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ގޯތިތަކުގެ ގުރުއަތުލުން ފަށައިފި
ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން މާލޭ ކަލާފާނު ސްކޫލުގައި ފަށައިފިއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން 7 ސައިޒެއްގެ 698 ގޯތި ދޫކުރާނެއެވެ.
ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި ހުޅުމާލޭގެ މާސްޓާ ޕްލޭނަށާއި، ހުޅުމާލެ ފިޔަވަހި ތިނެއްގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު މުހިއްމު ބަދަލުތަކަކާ ގުޅިގެން ކުރިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރެއް ކަނޑައެޅިގެންދާނެތީ ކުރިން ކަނޑައެޅިފައިވާ ލޮޓް ނަންބަރުތައް ބާތިލްކޮށް، މި ގުރުއަތާއެކު ގޯތި ލިބޭ ފަރާތްތަކަށް އަލުން ޕްލޮޓްތައް ހަމަޖައްސާނެއެވެ.
އަދި ގުރުއަތުނަގާ ނިމުމުން، ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގެ ސޮއިކުރުމާއި ގޯތީގެ ރަޖިސްޓަރީ ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ މަޢުލޫމާތު ފަހުން އާންމުކުރާނެކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މި ފިޔަވަހީގައި މިހާތަނަށް ހިއްކިފައިވަނީ 30 ހެކްޓަރުގެ ބިމެވެ.






ރިއެކްޓް