ކުޅިވަރު , ޚަބަރު

ފަހަތުން އަރައި ހޯނޑެއްދޫގެ މައްޗަށް ކުރި ހޯދައި ގައްދޫއިން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި

17 ޑިސެންބަރު 2025 - 21:24
ފަހަތުން އަރައި ހޯނޑެއްދޫގެ މައްޗަށް ކުރި ހޯދައި ގައްދޫއިން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި
ފޮޓޯ: އަހުމަދު / ގައްދޫ ކައުންސިލް

ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް ގދ. އަތޮޅު މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ގައްދޫއިން ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ތިނަދޫ ސިޓީ ބަލިކޮށް ހަމަޖެހިލައިގެން ތިބި ގައްދޫއިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ މިއަދު ހަވީރު ހޯނޑެއްދޫއާއި އެކު ކުޅުނު މެޗުގައި ފަހަތުން އަރައި 3-1 އިން ހޯނޑެއްދޫ ބަލިކޮށްގެންނެވެ.

ގައްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ގޯލެއް ފެނިފައި ނުވާއިރު މެޗުގައި ފުރަތަމަ ލީޑު ނެގީ ހޯނޑެއްދޫއިންނެވެ. ދެވަނަ ހާފު ފެށިގެން, މެޗުގެ 47 ވަނަ މިނެޓުގައި ހޯނޑެއްދޫއަށް ލީޑު ހޯދައިދީނީ އެޓީމުގެ އަހުމަދު ޝާނިއުއެވެ.

ނަމަވެސް ގައްދޫއިން ވަނީ އޭގެ 2 މިނެޓް ފަހުން ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ގޯލަކީ ގައްދޫގެ އަލީ މުހައްމަދަށް ގޯލު ކުރިމަތިން ހުސްކޮށް ލިބުނު ބޯޅައެއް ގޯލަށް ފޮނުވާލުމުން ގޯލު ދަނޑީގައި ޖެހިފައި ބޯޅަ ނުކުތް ވަގުތު ހޯނޑެއްދޫ ޓީމުގެ ކެޕްޓަން ސާނިއު އަސްލަމްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.

ފޮޓޯ: އަހުމަދު
ފޮޓޯ: އަހުމަދު / ގައްދޫ ކައުންސިލް

ނަތީޖާ ހަމަހަމަ ކުރުމަށްފަހު މެޗު ޑޮމިނޭޓް ކޮށްގެން ކުޅެމުން ދިޔައީ ގައްދޫއިންނެވެ. މިގޮތުން ގައްދޫއިން ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނެގީ މެޗުގެ 87 ވަނަ މިނެޓުގައެވެ. މި ގޯލު ކާމިޔާބު ކޮށްދިނީ ގައްދޫ ޓީމުގެ އާލިމު އަބްދުލްއަޒީޒު އެވެ. މި ގޯލާއެކު ގައްދޫ ޓީމުން ހަމަޖެހިލުމަށްފަހު ހޯނޑެއްދޫގެ ގޯލަށް ފުލުފުލުގައި ނުރައްކާ ބޮޑުކުރަން ފެށުމުގެ ނަތީޖާއަކަށްވީ މެޗުގެ 91 ވަނަ މިނެޓުގައި ގައްދޫއިން ލީޑު ފުޅާކުރުމެވެ. މި ގޯލު ގައްދޫ ޓީމަށް ކާމިޔާބުކޮށްދިނީ 7 ނަންބަރު އިސްހާގު ރަޝީދު އެވެ.

މުބާރާތުގެ ދެމެޗު ކާމިޔާބުކޮށްފައިވާ ގައްދޫއަށް ދެން ބާކީ އޮތީ ފައިނަލް މެޗު އެކަންޏެވެ. ފައިނަލުގައި ގައްދޫއިން ބައްދަލުކުރާނީ ތިނަދޫ ސިޓީއާއި ހޯނޑެއްދޫ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. ތިން ޓީމު ބައިވެރިވި މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 22 އާއި ހަމައަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 2
މަޖާ މަޖާ 0