ޚަބަރު

ސައޫދީ އެމްބަސީގެ ފުރާޅަށް ފޮޓޯނަގަން އެރި ޒުވާނެއްގެ ބަންދަށް ފަސް ދުވަސް

17 ޑިސެންބަރު 2025 - 06:20
ސައޫދީ އެމްބަސީގެ ފުރާޅަށް ފޮޓޯނަގަން އެރި ޒުވާނެއްގެ ބަންދަށް ފަސް ދުވަސް

ދިވެހިރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ފުރާޅަށް ހުއްދަ ނުހޯދައި އެރި ޒުވާނަކު 5 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުން އެނގޭ ގޮތުގައި ސައޫދީ އެމްބަސީގެ ފުރާޅަށް އެރި މައްސަލާގައި ބަންދުކޮށްފައިވަނީ  ގ. ފައިނުގެ ލޫތް ހުސައިން ޞިފާޢު ނަމަކަށް ކިޔާ 19 އަހަރުގެ ޒުވާނެކެވެ.

ކޯޓުގެ ބަންދު މަޖިލީހުގައި ވާހަކަދައްކަމުން ލޫތު ބުނީ އޭނާއަށް އެތަނަކީ ސައޫދީ އެމްބަސީކަން ނޭނގޭ ކަމަށާއި އެފަދަ ތަނެއްކަން އަންގައިދޭ ނިޝާނެއްވެސް ނުފެންނަ ކަމަށެވެ. އަދި އޭނާ އެ ފުރާޅަށް އެރީ ފޮޓޯއެއް ނަގަން ކަމަށްވެސް ލޫތު ކޯޓުގައި ބުނެފައިވެއެވެ.

ލޫތު އިތުރަށް ބުނި ގޮތުގައި އެތަނަށް އަރައި އުޅުމުން މީހުން މާ ވަރަކަށް ބަލާތީ ކުރެވުނީ ރަނގަޅު ކަމެއް ނޫންކަމަށް އިހުސާސުވެ، 10 ވަރަކަށް މިނެޓު ފަހުން އެތަނުން ފައިބައިފައިވާނެ ކަމަށެވެ. އަދި ކުށެއް ކޮށްގެން ދުވަހަކުވެސް ކޯޓަކަށް ތާކަށް ނުގެންނަ ކަމަށާއި އޭނާއަށް ކުރެވުނު ކަމަށް މާފަށް އެދޭ ކަމަށްވެސް ލޫތު ކޯޓުގައި ބުންޏެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުން އެނގޭ ގޮތުގައި ލޫތު އަކީ ބަންދު އަދި ހައްޔަރުގެ ރިކޯޑު އޮތް ޒުވާނެއް ނޫނެވެ. މި މައްސަލާގައި އިތުރު 2 ކުއްޖަކު ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0