ސިޔާސީ , ޚަބަރު

"ރައީސްގެ ކެބިނެޓުގައި ތިއްބެވީ އިހުލާސްތެރި ބައެއް ނޫން"

17 ޑިސެންބަރު 2025 - 05:36
"ރައީސްގެ ކެބިނެޓުގައި ތިއްބެވީ އިހުލާސްތެރި ބައެއް ނޫން"

"އަޅުގަނޑު ވަރަށް ހިތާމަ ކުރަން, މަނިކުފާނުގެ ކަނާތް, ވާތް ފަރާތުގަ ތި ތިބީކީ މަނިކުފާނަށް އިހުލާސްތެރި ބޭފުޅުންނެއް ނޫން. އިނގޭތޯ. ވަރަށް ފާހަގަ ކުރާ ކަމެއް އަޅުގަނޑު.. ރައްޔިތުންނާއި މަނިކުފާނާއި ޖެއްސުން ނޫން އެހެން އެއްވެސް ކަމެއް މި ބޭފުޅުން ނުކުރައްވާ އިނގޭތޯ." މިއީ ގަލޮޅުގެ ރައްޔިތުންނާއި އެކު ރައީސް މުޢިއްޒު ރޭ ބޭއްވި ބައްދަލު ކުރެއްވުމުގައި ރައްޔިތަކު ފާޅު ކުރެއްވި ޝުއޫރެކެވެ.

އެމީހާ މިފަދައިން ހަމައެކަނި ބުނެލާފައި ނިންމާލީއެއް ނޫނެވެ. ކެބިނެޓުގައި ތިއްބަވާ ވަޒީރުންގެ އިހުލާސްތެރިކަމެއް ނެތްކަން މިސާލާއި އެކު ދެއްކެވިއެވެ.

މިގޮތުން މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވެފައިވާ "ގަވާއިދާ ޚިލާފަށް އުޅަނދު ރަޖިސްޓްރީ ނުކުރެވޭނެ" މި ވާހަކަފުޅަށް އިޝާރާތް ކުރައްވައި އެމީހާ ފާހަގަކުރި ގޮތުގައި މިނިސްޓަރު އެހެން ވިދާޅުވި ފަހުން މާލޭގައި 4700 ހަތަރުފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. ނަމަވެސް 4700 ގަރާޖު ކޮބައިތޯ ވިދާޅުވެ އެމީހާ މިނިސްޓަރަށް ސުވާލު އަމާޒު ކުރެއްވިއެވެ. އަދި މީގެ އިތުރުން ގަވާއިދުގެ ތެރެއިން އުޅަނދު ރަޖިސްޓްރީ ކުރަން އުޅޭ މީހުނަށް އެކަން ވުމުގައި އެތައް ދުވަހަކާއި އެތައް ދައްޗެއް ކުރިމަތިވާ ކަމަށާއި, ގަވާއިދުގެ ދަށުން "މޭޒުގެ ދަށުން" އެކަން ކުރަން އުޅޭ މީހުނަށް އެކަން ވެފައިވާކަން އެނގޭ ކަމަށް އެމީހާ ބުންޏެވެ. އަދި މިއީ ރައްޔިތުން ސަރުކާރު ދެކެ ރުޅި އަންނަ އެއީ ސަބަބު ކަމަށްވެސް އެމީހާ ފާހަގަ ކުރިއެވެ.

އަދި ރައީސް މުއިއްޒު ރަނގަޅު މަސައްކަތްތަކެއް ކުރެއްވުމަށް އަޒުމު ކަނޑައަޅުއްވައިގެން ހުރިކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް އިހުލާސްތެރި ބައިވެރިން ނެތް ކަމަށް ވާނަމަ ކިތަންމެ ރަނގަޅަށް ކަމެއް ކުރުމަށް އުޅުނަށް އެކަމެއް ރަނގަޅަކަށް ނުދާނެ ކަމަށް އެމީހާ ފާހަގަކުރިއެވެ. 

"ހަގީގަތަށް އަޅުގަނޑު މިދަންނަވަނީ.. މަނިކުފާނަށް ވުރެ ބޮޑަށް މިބޭފުޅުން އިހުލާސްތެރި ނުވާނެކަން ދަންނާނެ ބޭފުޅަކުވެސް ނުހުންނާނެ." ފޮރުވިފައިވާ މާނަތަކެއް އެކުލެވޭ ޖުލްމައަކުން އެމީހާގެ ވާހަކަ ނިންމާލިއިރު, ރައީސްގެ ކެބިނެޓު މިނިސްޓަރުންގެ މޫނުމަތީން އުދާސްކަމާއި ރުޅިވެރިކަން ފެންނަމުން ދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0