ގައުމީ ބާސްކެޓު ލީގާއި މުބާރާތް ޓީރެކްސް އާއި ކުއީންސް އަށް
17 ވަނަ ގައުމީ ބާސްކެޓުބޯޅަ ލީގާއި 41 ވަނަ ބާސްކެޓު ގައުމީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީރެކްސް ބީސީ އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކުއީންސް ބީސީ ހޯދައިފި އެވެ.
ސޯޝަލް ސެންޓަރ އިންޑޯގައި މިދިޔަ ދޮޅު މަހެއްހާ ދުވަހު ވިދިވިދިގެން ކުޅުނު މި ދެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އޮތީ ރޭގަ އެވެ. ގައުމީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި ބައްދަލު ކުރީ އެންމެ ފަހުގެ ޗެމްޕިއަން ޓީރެކްސް އަދި ވާދަވެރި ކިންގްސް އެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗު ޓީރެކްސް އިން ކާމިޔާބު ކުރީ 74-77 ޕޮއިންޓުންނެވެ. އެއާއި އެކު ޓީރެކްސްއިން ވަނީ ގައުމީ މުބާރާތް މިލްކު ކޮށްފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުނުްތެރިޔަކަށް ހޮވުނީ ޓީރެކްސްގެ އެންމެ ޒުވާން ކުޅުންތެރިޔާކަމަށްވާ 16 އަހަރުގެ އައިކު އަހުމަދު މައުރޫފެވެ.
ގައުމީ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް ކުޅުނީ އިއްޔެ ހަވީރެވެ. އަންހެން ފައިނަލްގައި ބައްދަލުކުރީ ކުއީންސް އާއި މިސްޓިކްސް އެވެ. ފަހު ވަގުތާ ޖެހެންދެން ފޯރިގަދަކޮށް ދިޔަ މި މެޗު ކުއީންސްއިން ކާމިޔާބު ކުރީ 71-66 ޕޮއިންޓުންނެވެ. މި މެޗުން ކުއީންސް މޮޅުވި ނަމަވެސް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މިސްޓިކްސްގެ ސާރާ ޒާޝާ ޒަކަރިއްޔާ އެވެ. މިއީ ކުއީންސްއިން ވިދިވިދިގެން ގައުމީ މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ.
ގައުމީ ލީގު މި ދެ ޓީމުންވެސް ނިންމާލީ އެއްވެސް މެޗަކުން ބަލިނުވެ ސައްތައިންސައްތަ ރެކޯޑަކާ އެކު އެވެ. ގައުމީ ލީގު ފިިރިހެން ޑިވިޝަންގެ މޮޅު ކުޅުންތެރިޔާކަން ހޯދީ ޓީރެކްސްގެ އިސްމާއިލް ވިލްދާން ޔޫސުފް އެވެ. އަންހެން ޑިވިޝަންގެ މޮޅު ކުޅުންތެރިޔާކަން ހޯދީ ކުއީންސްގެ އާމިނަތު ޝިއުރާ އެވެ.
މި ދެ ޓީމު ވަނީ މިދިޔަ އަހަރުވެސް ގައުމީ ލީގު ކާމިޔާބުކޮށްފަ އެވެ.






ރިއެކްޓް