ޚަބަރު

މޭޔަރު އާޒިމުގެ ކޮއްކޮ އަކަށް ވިލިމާލޭން ބިޑަކާނުލާ ވިޔަފާރި ބިމެއް!

7 ޑިސެންބަރު 2025 - 14:36
މޭޔަރު އާޒިމުގެ ކޮއްކޮ އަކަށް ވިލިމާލޭން ބިޑަކާނުލާ ވިޔަފާރި ބިމެއް!

ވިލިމާލޭގައި ވިޔަފާރި ކުރުމަށް ބީލަމުގެ އުސޫލުން ދޫކުރާ ބިމެއް މޭޔަރު އާދަމް އާޒިމު އަށް ބޮޑުބޭބެ ކިޔާ ކޮއްކޮއަކަށް ދީފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލަ ތިލަވީ މާލޭސިޓީ ކައުންސިލުގެ ވިލިމާލޭ ދާއިރާގެ މެންބަރު ނަހުލާ އަލީ މި މައްސަލަ ކައުންސިލުގެ އާއްމު ބައްދަލުވުމަށް ހުށަހެޅުމުންނެވެ. ނަހުލާ ވަނީ މި މަހުގެ 10 ވަނަ ދުވަހު ބާއްވާ މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމަށް މި މައްސަލަ އެޖެންޑާ ކޮށްދިނުމަށް އެދި މޭޔަރު އާދަމް އާޒިމަށް ސިޓީއަކުން ދަންނަވާފައެވެ. އަދި އެކަން ސޯޝަލްމީޑިއާގަިއ ހާމަކުރައްވާފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް އަހުމަދު އުޝާމުގެ ބޭބެ މުހައްމަދު ވިޝާމު [އާދަމް އާޒިމު އަށް ބޮޑުބޭބެ ކިޔާ ކޮއްކޮއެއް] ގެ ކުންފުނި "ވިނޯރވާ މޯލްޑިވްސް ޕވޓ. ލޓޑ." އަށް ވިލިމާލޭ ގައި މާލޭ ސިޓީ ކައުންސިލުން ގާއިމުކުރަން ނިންމާފައިވާ "ވިމެންސް މާކެޓް އެންޑް އައުޓްޑޯ ކިއޮސްކް" މަޝްރޫއުގައި ކިއޮސްކެއް ގާއިމުކުރުމަށް ބިމެއް ދީފައިވާކަން ހާމަވެފައިވާ ލިޔެކިޔުންތަކުން އެނގެއެވެ. މި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މި ބިޑުގައި "ވިނޯރވާ މޯލްޑިވްސް ޕވޓ. ލޓޑ." ބައިވެރިވެފައެއް ނުވެއެވެ. އަދި މި ބިޑު ކާމިޔާބު ކޮށްފައިވާ ބިޒްނެޓް ނަމަކަށް ކިޔާ ކުންފުންޏާއެކުވެސް މާލޭ ސިޓީ ކައުންސިލުން އެގްރީމެންޓެއް ހަދާފައިވާކަން އެނގެއެވެ.

މި ދެންނެވި ބިޑުގައި "ވިނޯރވާ މޯލްޑިވްސް ޕވޓ. ލޓޑ." އިން ބައިވެރިވެފައި ނުވީ ނަމަވެސް އެ ކުންފުންޏަށް މި ވިޔަފާރި ބިން ހަވާލުކޮށް, އެބިމުގައި މަސައްކަތް ކުރުމަށް ދޭންޖެހޭ ހުއްދަތަކާއި އެއްބާރުލުން އަމަލީ ގޮތުންނާއި ލިޔުމުން މާލޭ ސިޓީ ކައުންސިލުން ދީފައިވާކަން "ވިރާސީ" އަށް ލިބިފައިވާ ލިޔުންތަކުން އެނގެއެވެ.

މިގޮތުން އެ ބިމުގެ އިން ވަކި ކުރުމާއި އެ ބިމުގައި މަސައްކަތް ކުރުމަށް ބޭނުންވާ ހުއްދަތައް ނެގުމަށް "ވިނޯރވާ މޯލްޑިވްސް ޕވޓ. ލޓޑ." އިން މާލޭ ސިޓީ ކައުންސިލަށް ހުށަހަޅާފައިވެއެވެ. އަދި އެކަންކަން އެގޮތަށް މާލޭ ސިޓީ ކައުންސިލުން މަގުފަހި ކޮށްފައިވާކަންވެސް ލިޔުންތަކުން ހާމަވެއެވެ.

އާދަމް އާޒިމުގެ އާއިލީ ފަރާތްތަކަށް ނަހަމަ ގޮތުގައި މަންފާ ހޯދައި ދިނުމަށް އެކި ވަރުގެ ޖަރީމާތައް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގާފައިވާކަމަށް ދަނީ އެތައް ތުހުމަތެއް ކުރެވެމުންނެވެ. މިގޮތުން މާލޭގެ "ޕްރައިމް" ބިންތަކެއް އާއިލީ ފަރާތްތަކަށް ދީފައިވާކަން ފޮރުވުމަށް އާޒިމު ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި އާއިލި ކުންފުނި "އާރުސީސީ" އަށް ހީނާމާގެ ބިން ދިނުމާއި އާއިލީ ދެ ކުންފުންޏަކަށް އަލިމަސްކާނިވާ ސަރަހައްދުން ބިން ދީފަިއވާ މައްސަލަ މިހާތަނަށް ވަނީ ތިލަވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0