މުޢިއްޒުގެ ދެކޮޅުނުޖެހޭ ސިޔާސަތުތަކާއި ދެކޮޅަށް ބަސްބުނާނެ ކެނޑިޑޭޓަކީ އަލީ އާޒިމް: ފަޔާ
ރައީސް މުޢިއްޒުގެ ސަރުކާރުން ތަންފީޒުކުރާ ދެކޮޅުނުޖެހޭ ސިޔާސަތުތަކަށް ފާޅުގައި ނޫނެކޭ ބުނާނެ ހަމައެކަނި ކެނޑިޑޭޓަކީ އަލީ އާޒިމް ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޓިކެޓުގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވަން އަލީ އާޒިމަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައިވާ ފައްޔާޒް މިފަދައިން ވިދާޅުވީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފައްޔާޒްގެ ޕޯސްޓުގައި ވިދާޅުވީ މިހާރު ރާއްޖޭގައި އޮތް ޚުދުމުހުތާރު ސަރުކާރު ބަލިކުރުމަށް މާލޭ ސިޓީގެ މޭޔަރަކަށް ހުންނަ މީހަކު އަދާކުރަން ޖެހޭ ޒިންމާ ވަރަށް ބޮޑު ކަމަށާއި އެމްޑީޕީއަށް މިވަގުތު ބޭނުންވަނީ "ކޮންމެ ދުވަހަކު ސަރުކާރު ނީސްތާއްޓަށް އަރުވާލާނެ އިދިކޮޅު މޭޔަރެއް" ކަމަށެވެ.
"ރާއްޖޭގައި އޮތް ހުދުމުހުތާރު ސަރުކާރު ބަލިކުރުމަށް މާލޭގެ މޭޔަރުގެ މަގާމުގައި ހުންނަ ކެންޑިޑޭޓަކު އަދާކުރަން ޖެހެނީ ބޮޑު ޒިންމާއެއް. މުއިއްޒުގެ ސަރުކާރުން ތަންފީޒުކުރާ ދެކޮޅު ނުޖެހޭ ސިޔާސަތުތަކާއި ނިންމާ ނިންމުންތަކާ ދެކޮޅަށް ފާޅުގައި ބަސް ބުނާނެ މޭޔަރެއް ހުރުން ނުހަނު މުހިންމު. މޭޔަރެއްގެ ޒިންމާތައް އަދާކުރުމުގެ އިތުރުން މިވަގުތު އެމްޑީޕީއަށް ބޭނުންވަނީ ކޮންމެ ދުވަހަކު ސަރުކާރު ނީސްތާއްޓަށް އަރުވާލާނެ އިދިކޮޅު މޭޔަރެއް. މިވަގުތު ތިބި ދެ ކެންޑިޑޭޓުންގެ ތެރެއިން އެ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކެންޑިޑޭޓަކީ އަލީ އާޒިމް" ފައްޔާޒް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
ފަޔާ މިފަދައިން ޕޯސްޓު ކުރައްވާފައިވާއިރު އަލީ އާޒިމާއި ވާދަވެރި ކެނޑިޑޭޓް އަދި މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި ރައީސް މުޢިއްޒާއި ދެމެދު އަޑި ނޭނގޭ ގުޅުމެއް އޮންނަ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. މިގޮތުން ރައީސް މުޢިއްޒުގެ މޭޔަރުކަމުގައި ހިންގާން ފަށާފައި ހުރި ޖަރީމާތައް އާޒިމުގެ އިރުޝާދުގެ ދަށުން ނިންމުމާއި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ފޮރުވުމަށް އާޒިމް މަސައްކަތް ކުރާކަމުގެ ސީރިއަސް ތުހުމަތުތަކެއް އާޒިމުގެ ބޮލުގައި ވަނީ އެޅިފައެވެ.
މި ތުހުމަތުތަކަކީ މާލޭ ސިޓީގެ ކައުންސިލް މެންބަރުން އެ ކައުންސިލުގެ އާއްމު ބައްދަލުވުންތަކުގައިވެސް އާޒިމުގެ ބޮލުގައި އަޅުވާފައި ހުރި ތުހުމަތު ތަކެކެވެ.






ރިއެކްޓް