ކޮލަމް

އެމްޑީޕީ އާއި ޕީއެންސީ – އުފެދުމުގެ އަސްލުން ތަފާތުވި ދެ ވިސްނުން

5 ޑިސެންބަރު 2025 - 15:07
އެމްޑީޕީ އާއި ޕީއެންސީ – އުފެދުމުގެ އަސްލުން ތަފާތުވި ދެ ވިސްނުން

ޕީއެންސީގެ ކޮންމެ ވެރިކަމެއް މިހާ ގޯސް ވަނީ ކީއްވެ؟

ރައީސް މައުމޫން އަބްދުލް ޤައްޔޫމުގެ ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ދިވެހި ރައްޔިތުން ހިންގި ސިޔާސީ ހަރާކަތަކީ ހައްގުތަކާއި މިނިވަންކަން ހޯދުމުގެ ދިގު ހަރަކާތެކެވެ. މިއަދު މި ދެކޭ ހައްގުތަކާއި މިނިވަންކަން ހޯދުމަށް އެތައް ބަޔަކު ގުރުބާންވިއެވެ. ޖަލު ތޭރިތަކުގެ ބިއްދޮށުގައި ހަޔާތުގެ ގިނަ ދުވަސްތައް ހޭދަކުރަން ޖެހުނެވެ. ސިފައިންނާ ފުލުހުންގެ އަނިޔާއާ ކުރިމަތިލައި ޒަމާނީ ޑިމޮކްރެޓިކް ދިވެހި ރާއްޖެއެއް ހޯދުމުގެ ހަރަކާތުގެ ތެރެއިން އުފަންވެ، މިއަދާ ހަމައަށް ދެމިގެން އައިސްފައިވާ ސިޔާސީ ޕާރޓީއަކީ އެމްޑީޕީއެވެ. އެއީ ދިވެހި ރާއްޖޭގެ ސިޔާސީ ހަރަކާތުގެ އެންމެ ވަރުގަދަ އޮނިގަނޑެވެ. ރޭވި އިންތިޒާމްވެ، ގިނަ ބައެއްގެ ބައިވެރިވުން އޮވެގެން ހިނގަމުންދާ ސިޔާސީ ހަރަކާތެވެ.

އެމްޑީޕީގެ ދެ ވެރިކަމުގައިވެސް ރައްޔިތުން ހިތްހަމަ ނުޖެހުނު އެތައް ކަމެއް ހިނގިއެވެ. މި ފަހުން އޮތް އެމްޑީޕީގެ ވެރިކަން ބަދަލުކުރަން ޖެހުނު ސަބަބުތައް އަމުދުން ގިނައެވެ. ބާރު ލިބޭ އިރު އާރުލާ ބަދަލުތަކެއް ގެނައުމަށް ވުރެ، ވެރިކަމުގައި ދެމި ތިބުމުގެ ޝައުގުވެރިކަން މާ ބޮޑަށް ހިނގާތަން ފެނެއެވެ. އާންމު މީހާއާ ހިންގުމުގެ ނިޒާމަށް ހެޔޮ ގިނަ ބަދަލުތަކެއް ފެނިގެން ދިޔައީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައެވެ. އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ހެޔޮ ގިނަ ބަދަލުތަކެއް ނުފެނުނެވެ. ވައުދުވެގެން އައި އިންސާފު ނުލިބުނެވެ. ޝަރުއީ ދާއިރާގެ މިނިވަންކަމަށް އެދެވޭ މިންވަރަށް މަސައްކަތް ނުކުރެވުނެވެ. ލާމަރުކަޒީ ބާރުވެރިކަން ވައުދުވި މިންވަރަށް ހޯދައި ނުދެވުނެވެ. އެއްވެ އުޅުމުގެ މިނިވަންކަން ތަންމިނަށް ހޯދައި ނުދެވުނެވެ. 

ނަމަވެސް، ޕިއެންސީގެ ފިކުރުގެ ވެރިކަންތަކާއި އެމްޑީޕީ ފިކުރުގެ ވެރިކަންތަކުގެ ތަފާތަކީ ގޯސް ބަދަލުތަކުގެ މިންވަރެވެ. 

އެމްޑީޕީއަށް މެޖޯރިޓީ ލިބުމުން

- ރަނގަޅު ގިނަ ބަދަލުތައް ނުގެނެވުނު

- ގޯސް ބަދަލުތައް މަދު

ޕީއެންސީއަށް ފިކުރަށް މެޖޯރިޓީ ލިބުމުން

- ރަނގަޅު ބަދަލުތައް އަމުދުން މަދު

- ގޯސް ބަދަލުތައް ގިނަ 

އާ ގާނޫނު އަސާސީއަށް ފަހު މައި ދެ ޕާރޓީން ދެ ބުރަށް ވެރިކަން ކޮށްފިއެވެ. ކުރަމުންދަނީއެވެ. ދެ ޕާރޓީގެ ވެރިކަންތަކުގައި ކަން ހިނގާފައިވާ ގޮތް ބެލުމުން މި ތަފާތު ފެނެއެވެ. މަޖްލީހާއި ސަރުކާރުގެ ނިންމުންތަކެވެ. ވަކިން ހާއްސަކޮށް ފާހަގަކުރެވޭ އެއްކަމެކެވެ. ޕީއެންސީ ވެރިކަންތަކުގައި ހައްގުތަކާއި މިނިވަންކަން ހަނިކުރަމުންދާ މިންވަރެވެ. ހުދުމުހުތާރު ވެރިކަމަކަށް ގައުމު ފުރޮޅާލުމަށް ކުރެވޭ މަސައްކަތެވެ. ހައްގުތައް ހަނިކުރުމަށް ގެންނަ ބަދަލުތަކެވެ. މާލެއަށް ބާރުތައް ޖަމާކުރުމަށް ހިފާލާ މިންވަރެވެ. ސިޔާސީ ހަރަކާތަށް ހުރަސް އަޅާ މިންވަރެވެ. ހިޔާލުފާލުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިކުރުވާ ގޮންޖެހުމެވެ. ތަކުރާރުވަމުންދާ އެއް ބޮޅެކެވެ. ތަފާތަކީ އެންމެ އިހުގައި ރައީސް މައުމޫނެވެ. ދެން ރައީސް ވަހީދެވެ. އެއަށް ފަހު ރައީސް ޔާމީނެވެ. މިހާރު ރައީސް މުޢިއްޒެވެ. ތަފާތަކީ ޕާރޓީއަށް ކިޔާ ނަމެވެ. އޭރު ދިގު 30 އަހަރުގެ ވެރިކަމެވެ. ޑީއާރުޕީއެވެ. މިހާރު ޕީއެންސީއެވެ.

ހައްގުތަކާއި މިނިވަންކަން ހަނިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ އަސްލަކީ މައި ދެ ޕާރޓީގެ އުފެދިގެން އައި ވިސްނުންތައް ކަމުގައި ވެދާނެއެވެ. އެމްޑީޕީއަކީ ހައްގުތަކާއި މިނިވަންކަން ހަނިކުރެވިފައި އޮތް ޒަމާންވީ ދިގު ވެރިކަމެއް ނިންމުމުގެ ވިސްނުމުގެ މައްޗަށް އުފަންވި ޕާރޓީއެކެވެ. ބާރުތައް ބަހާލުމާއި ތަރައްގީ ވެރިރަށަށް ޖަމާކުރުމާ އިދިކޮޅަށް ހިންގުނު ވިސްނުތަކެއްގެ މައްޗަށް ތަރުތީބުވެގެން އައި ސިޔާސީ ހަރަކާތެކެވެ. އެމްޑީޕީ ވިސްނުމުގެ ރައްޔިތުންގެ ކިބައިގައި އެ އަސްލުތައް ހިފެހެއްޓުމުގެ ރޫހެއް އަބަދުވެސް ހިނގަ ހިނގައި ހުރެއެވެ. އެމްޑީޕީގެ ވެރިކަންތަކުގައި އެމްޑީޕީގެ ސަރުކާރާއި ލީޑާރޝިޕަށް އެމްޑީޕީގެ އާންމު މެންބަރުން ފާޑުކިޔާތަން ފެންނަނީ އެ އަސްލުތައް ހިފެހެއްޓުމުގެ ވިސްނުން އެމްޑީޕީ އާންމު މެންބަރުންގެ ކިބައިގައި ހުންނާތީއެވެ. އެއީ ވެރިކަން ގޯސް ގޯހަށް ނުދިއުމަށް އޮތް ބާރަކަށްވެއެވެ. 

ޕީއެންސީ ފިކުރުގެ އަސްލަކީ ހައްގުތަކާއި މިނިވަން ހަނިކުރެވިފައިވާ ދިގު ވެރިކަމެއް ދެމެހެއްޓުމުގެ އަސްލެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިކުރުވާ ގޮންޖެހުންތަކާއި އެއްވެ އުޅުމާއި އިދިކޮޅު ސިޔާސީ ހަރަކާތް ހިންގުމަށް ކުރާ ދައްޗަކީ ހުދުމުހުތާރު ވެރިކަމެއް ދެމެހެއްޓުމުގެ އަސްލުގެތެރެއިން އާވާ ރޫހެވެ. ފަހަތަށް ދިއުމުގެ ވިސްނުމެވެ. ހަނިކުރުމުގެ ވިސްނުމެވެ. ބަންދުކޮށް އޮބަހައްޓައި ހަންމަތަކުރުމުގެ ވިސްނުމެވެ. ލާމަރުކަޒީ ބާރުތައް ނިގުޅައިގަތުމުގެ ވިސްނުމެވެ. ރިޔާސީ ދައުރު ދެންމުމާއި ވެރިކަމުގައި ބަގުޑިބެއްދުމުގެ ހުދުމުހުތާރު ހިޔާލެވެ. މަޖިލީހަށް ބައްލަވާށެވެ! އެ މީހުންގެތެރޭގައި މުޅީން ވެސް ދެކެވެނީ އެ ޒާތުގެ ވާހަކަތަކެވެ. މެންބަރުންގެ ގޮނޑި ގެއްލުވާލުމާއި މީޑިއާގެ މިނިވަންކަމަށް އަރައިގަތުމާއި މުޒާހަރާކުރާ މެންބަރުންގެ މެންބަރުކަން ނުގުޅައިގަތުމާއި ރިޔާސީ ދައުރު ދެންމުމާއި އަތޮޅު ކައުންސިލްތައް އުވާލުން ފަދަ ބަހުސެވެ.

އާ ގާނޫނު އަސާސީ ފާސްކުރި ފަހުން އުފަންވި ކުދިން މިއަދު ބޮޑުވެއްޖެއެވެ. ސިޔާސީ ބަދަލުތައް އެ ކުދިން ދަނީ ބަލަމުންނެވެ. ފާއިތުވެދިޔަ ތަނާއި މިއަދުންނެވެ. އާ މަދަނީ ހަރަކާތްތަކާއި ސިޔާސީ ހަރަކާތްތަކަށް ރާއްޖެ ދަނީ މިސްރާބުވަމުންނެވެ. ނަމަވެސް، އައު ވިސްނުމަކަށް، ފިކުރަކަށް، ޕާރޓީއަކަށް ވެރިކަމުގެ ބާރު އަދި ލިބެން ނެތް ހިނދެއްގައި މުސްކުޅި ދެ ޕާރޓީގެ މައްޗަށް ވިސްނައި، ގޯހުގެ ތެރެއިން ކުޑަ ގޯސް ކަނޑައެޅުން ދެ ޕާރޓީގެ ދެ ވެރިކަން ފެނުނު ޖީލަށް މިއަދު މާ ފަސޭހަ ވެއްޖެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0