ޑުރަގު ވިއްކާ މީހުނަށް އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނޯންނާނެ: އިހުސާން
މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ އެއްވެސް މީހަކަށް ރަހުމެއް ހަމްދަރުދީއެއް އިސްތިސްނާއެއްވެސް ނޯންނާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއިން މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއްގެ އެންމެ އިސް ވެރިޔަކު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހައްޔަރުކުރުމާއި ގުޅުވައި ސޯޝަލްމީޑިއާގައި އިހުސާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާއި ހަމައަށް ފުލުހުންގެ ތަހުގީގު ފޯރުމުން އެއްވެސް ރަހުމެއް އިސްތިސްނާއެއް ނޯންނާނެ ކަމަށާއި އޮންނާނީ ހަރުކަށި ޤާނޫނު ކަމަށެވެ.
"ދިވެހިރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރުމަށް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަށް ހިންގަމުންދާ މި ޚާއްސަ އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ވަކިން ޓާރގެޓްކުރެވިގެންދާނެ. ރާއްޖޭގައި މި ވިޔަފާރިކުރާ ފަރާތްތަކަށް މިކަން ހުއްޓާލުމަށް ތަކުރާރުކޮށް އިންޒާރުދީ ނަސޭހަތްތެރިވަން. ފުލުހުންގެ ތަހުގީގު އެމީހަކާހިސާބަށް ފޯރުމުން އެކަކަށްވެސް އިތުރު ރަހުމެއް ހަމްދަރުދީ އެއް އިސްތިސްނާއެއް ނޯންނާނެ! ހަމައެކަނި އޮންނާނީ ހަރުކަށި ޤާނޫނީ ފިޔަވަޅު." އިހުސާނު ސޯޝަލްމީޑިއާގަިއ ކުރެއްވި ޕޯސްޓުގައި ބުނެފައިވެއެވެ.
ފުލުހުން މިއަދު ހެނދުނު މަޢުލޫމާތު ދިން ގޮތުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން "އޮޕަރޭޝަން އަލިމަގު" ގައި 2025 ޑިސެމްބަރ 3 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައިސްފައިވާ ނެޓްވޯރކެއްގެ އިސްފަރާތްތައް ވަނީ ހައްޔަރުކުރެވިފައެވެ.
އަދި ފާއިތުވި 5 އަހަރު މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.






ރިއެކްޓް