ކޮލަމް

ކުޑަ ގައުމެއްގެ ބޮޑު ހިތް

4 ޑިސެންބަރު 2025 - 12:55
ކުޑަ ގައުމެއްގެ ބޮޑު ހިތް

"ދިވެހި ބަނގަލާފަހަރު ރިޔާ ނަގާފައި ކޮޅުނބާއި ގާލީ ބަނދަރަށް ވަދެގެން އަންނަ މަންޒަރު ފެނުމުން ދިވެހި ރާއްޖެއާ މެދު އަހަރެމެންގެ ޝައުގުވެރިކަން އިންތިހާއަށް ދެއެވެ. ދިވެހި ބަނގަލާފަހަރު ބަނދަރުގައި އެޅުމުން ސިފަވަނީ "ފެއިރީލޭންޑެއް"ގެ މަންޒަރެވެ.

ދިވެހިން ގޮނޑުދޮށަށް ފައިބާނީ ބޮނޑިހަލުވަޔާއި އުންބަލަކަޑަޔާއި (ދިވެހި ހިކިމަސް) ރިހާކުރު ހިފައިގެނެވެ. ރަށުތެރޭގައި އެ މީހުން ހިނގާފައި ދާއިރު ވާހަކަ ދައްކަނީ ސިންގަޅަ ބަސްތައް ހިމެނޭ ބަހަކުންނެވެ. ދިވެހީން ފެނުމުން ކުރެވެނީ މާ ކުރިން ގެއްލިފައިވާ ގާތްތިމާގެ ބަޔަކު އައި ކަމުގެ އިހުސާސެވެ"

ސްރީ ލަންކާގެ ލިޔުންތެރިޔާ ޖިނަޑޭސާ ވިޔަޖަތުންގާ ދިވެހިން "ޖަޒީރާ އަވަށްޓެރިން"ގެ ގޮތުގައި ސިފަކުރަމުން 1949 ވަނަ ލިޔެފައިވެއެވެ.

މި ދާކަށް ދުހު، އަވަށްޓެރި ސްރީ ލަންކާއަށް ކުރިމަތިވި ތޫފާނުގައި ގިނަ ބަޔަކު ހާލުގައި ޖެހުނު ވަގުތު ދިވެހީން ފޯރުކޮށްދިން އެހީތެރިކަމަށް ތައުރީފު އޮހުނެވެ. ދުނިޔޭގެ ބާރުގަދަ، މުއްސަނދި އެތައް ގައުމަކަށް ވުރެ، އާބާދީ މަދު، ކުޑަ ގައުމުން ދިން އެހީތެރިކަން އަވަސްވެފައި، ބޮޑުވުމުން ސިލޯނު މީހުންގެ ލޯބި ދިވެހި ރާއްޖެއަށް ބަންޑުންވިއެވެ.

"ކުޑަ ގައުމަކަސް، ދިވެހި ރާއްޖޭގެ ހިތް އިންޑިޔާ ކަނޑަށް ވުރެ ބޮޑެވެ"

ސްރީ ލަންކާ މީހަކު ދިވެހިންނަށް ޝުކުރުއަދާކުރަމުން ލިޔުނެވެ.

ދިވެހި ރާއްޖެއާ ސްރީ ލަންކާގެ ގުޅުމަކީ ތާރީޚީ ގުޅުމެކެވެ. ސަގާފަތާއި ނަސްލާއި ބަހުގެ ގުޅުމެކެވެ. މީލާދީން 4 ވަނަ ގަރުނުގައި ރޯމަން އެމްޕެރަރ ޖޫލިއަންގެ ދަރުބާރަށް ދީވީންނާއި ސަރަންދީވީން ދަތުރުކުރިއެވެ. ދީވީންނަކީ ދިވެހިންނެވެ. ސަރަންދީވީންނަކީ ސަރަންދީބު (ސިލޯނު) މީހުންނެވެ. ދިވެހި ރާއްޖެއާ ސްރީ ލަންކާގެ ދެމުދު ވިޔަފާރި އާ ސަގާފީ ގުޅުންތައް ދެމެމުން އަންނަތާ އެތައް ހާސް އަހަރުވެއްޖެއެވެ. މޫސުމީ ބަދަލުތަކުގެ އެތައް ހާލަތެއް ވެސް ހިއްސާކުރިއެވެ.

ދިވެހި ރާއްޖޭގެ ރަށްތަކެއް އަޑިއަށް ގޮސްގެން، ދިވެހީންގެ ބަޔަކު ސްރީ ލަންކާއަށް ހިޖުރަކުރިކަމަށް، ޕޯޗުގީޒުންގެ ދުވަސްވަރުގެ ސިލޯނުގެ ތާރީޚު ލިޔުއްވި ފުރްނާއޭ ޑީ ކޭރޯޒް ލިޔުއްވާފައިވެއެވެ. އެއީ މީގެ 300 އެތައް އަހަރެއްގެ ކުރިއެވެ. ދިވެހީން ހިޖުރަކުރީ ކޮލަންބޯ އާ ކައިރި ގޮނޑުދޮށު އަލަތުގަމަ އާ ކަލުތަރަ (ކަޅުތުރާ) އަށެވެ. މޫސުމީ ބަދަލުތަކެއްގައި، ދިވެހި ރާއްޖެއިން ހިޖުރަކުރި މީހުންގެ ފާހަގަވާ މިންވަރުގެ އާބާދީއެއް އެ ދުވަސްވަރު މި ދެ ރަށުގައި އޮތެވެ. މިހާރުވެސް، ސްރީ ލަންކާގެ މުސްލިމް އާބާދީ މި ދެ ރަށުގައި ބޮޑެވެ. 

ހާލުގައި ޖެހިގެން ސްރީ ލަންކާއަށް ހިޖުރަކުރި ދިވެހިންނަށް އެ ދުވަސްވަރު ސްރީ ލަންކާ މީހުން އެހީތެރިވެދީފައިވާނެއެވެ. އަދި ދިވެހީންގެ އެހީތެރިކަން ސްރީ ލަންކާ މީހުންނަށް ލިބިފައިވާ އެއްތައް ދުވަހެއް، ދެ ގައުމުގެ ދިގު ތާރީޚުގައި ވާނެއެވެ.

ދިވެހީންނަކީ މެހެނާނުންނަށް ކަމޭ ހިތާ، އެހީތެރިކަން ފޯރުކޮށްދޭ، އޯގާތެރި ބައެކެވެ.  ދިވެހީންގެ ޠަބީއަތުގައި މެހެންދާރީގެ އާ އެހީތެރިވުމުގެ ސިފަ އޮތް އެންމެ ބޮޑު އެއް ސަބަބަކީ އިންޑިޔާ ކަނޑުގައި ދިވެހި ރާއްޖެ އޮތް ތަނެވެ. އިންޑިޔާ ކަނޑު ހުރަސްކުރާ އުޅަނދު ފަހަރު ދިވެހި ރާއްޖޭގައި އަންޒަމާނުއްސުރެ ބަނދަރުކުރެއެވެ. އެކި ނަސްލުގެ އެކި ދީނުގެ އެކި ގައުމުތަކުގެ މީހުންނަށް ދިވެހިން އެހީތެރިވެދީފައިވެއެވެ. ހާލުގައި ޖެހިގެން އަންނަ އޮޑިފަހަރުގައި ތިބޭ މީހުންނަށް އަޅާލައި ދަތުރަށް ތައްޔާރުވާ އޮޑިފަހަރަށް ފެން ލައި އަތުގައި އޮންނަ އެއްޗަކުން އެހީތެރިވެދެއެވެ.

1886 ވަނަ ދިވެހި ރާއްޖެ ޒިޔާރަތްކުރެއްވައި ދިވެހިންގެ ފުރަތަމަ ފޮޓޯތައް ނެގި ޖަރުމަނުވިލާތުގެ ސީ. ޑަބްލިޔު. ރޮސެޓް ލިޔުއްވިއެވެ؛

"ޒަމާނުއްސުރެ ބެލެވިފައި ވަނީ، ދިވެހިންނަކީ ސުލްޙައަށް ލޯބިކުރާ، މެހެމާނުންނަށް ކަމޭހިތާ ބައެއް ކަމުގައެވެ"

ސިލޯނުގައި އިނގިރޭސިން ތިބި ދުވަސްވަރު އެ މީހުންގެ ކޮމިޝަރ އޮފް އާކިއޮލޮޖީކަމުގައި ހުންނެވި އެޗް.ސީ.ޕީ ބެލް ދިވެހި ރާއްޖޭގެ ތާރީޚު ލިޔުއްވަމުން ދިވެހީންނާ މެދު ވިދާޅުވެފައިވެއެވެ؛ 

"ދިވެހިންނަކީ، ތަހުޒީބު އަދި ސުލްޙަވެރި ނަސްލެއްގެ ބައެކެވެ"

ދިވެހީންގެ ތަހުޒީބަކީ ރާއްޖޭގައި މާ ބޮޑެތި، އުސް އިމާރާތްތަކެއް ހުރުމެއް ނޫނެވެ. މެހެމާނުންނަށް ކަމޭ ހިތުމާއި އެހީތެރިވުމާއި އެ މީހުންގެ ތެރޭގައި ހުރި މާތް ސިފަތަކާއި ފަންނުތަކެވެ.

1834 ވަނަ އަހަރު އިނގިރޭސި ދެ ސާވޭޔަރުން ކަމުގައިވާ ޔަންގް އަދި ކްރިސްޓޯފަރ ރާއްޖެ ވަޑައިގަތެވެ. މި ދެ ސާވޭޔަރުން ބުނެފައިވާ ގޮތުގައި، ދިވެހިންނަކީ މަޑުމައިތިރި، ސުލްހަވެރި، މެހެމާންދާރީ ރަނގަޅު، ބޭރު މީހުންނަށް ހެޔޮ، ބަލި މީހުންނަށް އަޅާލާ، އިންސާނިއްޔަތުކަމާއި އެހީތެރިކަން ބޮޑު ބައެކެވެ. 

ދިވެހިންގެ މެހެމާންދާރީ އާ އެހީތެރިކަމަކީ މިއަދު ރާއްޖޭގެ އެންމެ ބޮޑު ސިނާއަތެވެ. ޓޫރިޒަމް ސިނާއަތަކީ އަދި ލޯކަލް ޓޫރިޒަމް ސިނާއަތް ބިނާވެފައި ވަނީ މެހެމާންދާރީގެ މައްޗަށެވެ. ދިވެހި ރާއްޖޭގެ ރީތިކަމާއި މެހެމާންދާރީ ގައުމުގެ އެންމެ ބޮޑު ސިނާއަތަށް ވެގެން ދިޔަ އިރު، އެ ރީތިކަމާއި މެހެމާންދާރިއަށް އެތައް ހާސް އަހަރުވެއްޖެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 6
މަޖާ މަޖާ 0