ޝަމްއާނުގެ ވަކީލު ކޯޓުގައި ދެއްކި ވާހަކައަށް މިނިސްޓަރު އިހުސާނު ރައްދު ދެެއްވައިފި
މަގާމުގެ ނާޖައިޒު މަންފާ ހޯދި ކަމަށް ތުހުމަތުކޮށް ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދުގެ ޤާނޫނީ ވަކީލު ކޯޓުގައި ދެއްކެވި ވާހަކަތަކަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ރައްދު ދެއްވައިފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ޝަމްޢާންގެ ޤާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ދެއްކެވި ވާހަކަތަކަށް މިނިސްޓަރ އިހުސާން ރައްދު ދެއްވާފައިވަނީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އިހުސާނުގެ ޕޯސްޓުގައި ވިދާޅުވީ ޝަމްޢާނުގެ މައްސަލައަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ނުކުރައްވާ ކަމަށާއި އަދާކުރެއްވި މަޤާމުގެ ޒިންމާ ކަމަށެވެ. އަދި އެ ޒިންމާ އަދާކުރެއްވުން ގޯސްކަމަކަށް ހަދައިގެން ވަކީލު ވާހަކަ ދެއްކެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަދި ވީޑިއޯ ފޫޓޭޖް ފުލުހުންނަށް ދިނުމަށް އެންގީ މަޤާމުގެ ޒިންމާގެ ދަށުން ކަމަށް ވިދާޅުވެ އެކަން ދިފާޢު ކުރައްވަމުން އިހުސާނު ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ކަންތައއް ކުރާނީ ހަމަ އެ ބީދައިން ކަމަށެވެ.
މިއަދުގެ އަޑު އެހުމުގައި ޝަމްއާންއާއި ދެކޮޅަށް ހެކިބަސް ދިނުމަށް ދައުލަތުން ގެނައި ހެކިވެރިޔާ ބުނި ގޮތުގައި ސީސީޓީވީ ފޫޓޭޖް ފުލުހުންނަށް ދިނީ އޭނާ އެވެ. އަދި އެ ފޫޓޭޖު ފުލުހުންނާއި ހަވާލުކުރުމަށް ސީދާ މިނިސްޓަރު އަންގަވާފައިވާކަމަށް އިމިގްރޭޝަނުގެ އައިސީޓީ ސެކްޝަންގެ އިސް ވެރިޔާ ބުނިކަމަށްވެސް ހެކިވެރިޔާ ކޯޓުގައި ބުންޏެވެ.
މިނިސްޓަރު އިހުސާނު މިފަދައިން ޢަމަލުކުރިކަމަށް ކޯޓުގައި އިމިގްރޭޝަނުގެ އޮފިސަރަކު ހެކިބަސްދީފައިވާއިރު, ޝަމްޢާންގެ އާއިލާއިން ވަނީ މިނިސްޓަރު އިހުސާނާއި ޝަމްޢާނާއި މެދު ޒާތީ މައްސަލައަކާއި ގުޅިގެން މައްސަލައަށް ނުފޫޒޫ ފޯރުވާފައިވާކަމަށް އެތައް ފަހަރެއްގެ މަތީން ތުހުމަތު ކޮށްފައެވެ.






ރިއެކްޓް