އާޒިމުގެ ފަރާތުން އޭޖީ އުޝާމުގެ އާއިލީ ކުންފުންޏަށް ކާނިވަލުން ހިލޭ ބިމެއް
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ މޭޔަރުކަމުގައި އެމަނިކުފާނުގެ އާއިލީ ތިމާގެ ބޭފުޅެއް ކަމަށްވާ ރައީސް މުޢިއްޒުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް އަހުމަދު އުޝާމުގެ އާއިލީ ކުންފުންޏަކަށް މާލެއިން ބިމެއް ހިލޭ ދީފައިވާކަން ހާމަވެއްޖެއެވެ.
މާލޭގެ އެތައް ބިމެއް އަމިއްލަ މަސްލަހަތު އޮންނަ އެތައް ބަޔަކަށް ދީފައިވާކަމުގެ ތުހުމަތު އާދަމް އާޒިމަށް އަމާޒުވަމުންދާ ދުވަސްވަރެއްގައި މިފަހަރު ފެންމަތި މިވީ މާލޭ އަލިމަސް ކާނިވާ ސަރަހައްދުން ބިމެއް އެއްވެސް ކުއްޔަކާއި ނުލައި 10 އަހަރު ދުވަހަށް ދީފައިވާ މައްސަލައެކެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުގެ އެންމެ ނުފޫޒު ގަދަ އެއް މަޤާމު ކަމަށްވާ އެޓާނީ ޖެނެރަލްގެ މަޤާމުގައި މިހާރު ހުންނެވި އަހުމަދު އުޝާމުގެ މަންމަ އާއި ބައްޕަ އަދި 4 ކޮއްކޮއިން ހިއްސާދާރުންގެ ގޮތުގައި ތިއްބަވާ "ވަސްމީރު ހޯލްޑިންގްސް ޕވޓ. ލޓޑ." އަށް އަލިމަސް ކާނިވަލުގެ ތެރޭގައި ހުންނަ "ޑޯލްފިން ކެފޭ" ކުރިމަތީގައި އޮތް ބިމެއް މާލޭ ސިޓީ ކައުންސިލުން 10 އަހަރަށް ދީފައިވާކަން "ވިރާސީ" އަށް މިހާރު ވަނީ ކަށަވަރު ވެފައެވެ.
ވަސްމީރު ހޯލްޑިންގްސް ޕވޓ ލޓޑ ގެ ހިއްސާދާރުން
އިބްރާހިމް ރަޝީދު (އޭޖީ އުޝާމުގެ ބައްޕަ)
ވަފިއްޔާ ހަސަން (އޭޖީ އުޝާމުގެ މަންމަ)
އަލީ ރުހާމް (އޭޖީ އުޝާމުގެ ކޮއްކޮ)
އާދަމް ރަޚީމް (އޭޖީ އުޝާމުގެ ކޮއްކޮ)
އިސްމާޢީލް ނިޝާމް (އޭޖީ އުޝާމުގެ ކޮއްކޮ)
ފާތިމަތު ވަސާމަތު (އޭޖީ އުޝާމުގެ ކޮއްކޮ)
"ވިރާސީ" އަށް ލިބިފައިވާ ލިޔެކިޔުންތަކުން ފެންނަ ގޮތުގައި "ވަސްމީރު ހޯލްޑިން ޕވޓ. ލޓޑ." އަށް މާލޭސިޓީ ކައުންސިލުން ދީފައިވާ ބިމަކީ 2530 އަކަފޫޓުގެ ބިމެކެވެ. މިއީ އާދަމް އާޒިމްގެ ހިއްސާ އޮންނަ "ނަޒްރަޝް ޕވޓ. ލޓޑ." އަށް ހިލޭ ދީފައިވާ ބިމާއި އިންވެގެން އޮންނަ ބިމެވެ.
މި ބިން މާލޭ ސިޓީކައުންސިލުން "ވަސްމީރު ހޯލްޑިން ޕވޓ. ލޓޑ." އާއި ހަވާލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޯގަސްޓް 5 ވަނަ ދުވަހު އެވެ. މިއީ "ނަޒްރަޝް ޕވޓ. ލޓޑ." އަށް ވެސް ބިން ހަވާލުކުރި ދުވަހެވެ. "ވަސްމީރު ހޯލްޑިން ޕވޓ. ލޓޑ." އަށްވެސް ބިން ހަވާލުކޮށްފައިވަނީ މާލޭ "ހިއްތަން މައިޒާން" އަދި "ބިސްބުރު ޕާކު" މަރާމާތުކޮށް ބެލެހެއްޓުން ޝަރުތުކޮށްފައެވެ. މި ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް "ވަސްމީރު ހޯލްޑިންގްސް ޕވޓ. ލޓޑ." އަށް ފުރަތަމަ ހަވާލުކޮށްފައިވަނީ ރައީސް މުޢިއްޒުގެ މޭޔަރު ކަމުގެ ދުވަސްވަރު 2022 ގެ އެޕްރީލް މަހުގެ ތެރޭގައެވެ.
އާޒިމުގެ މޭޔަރުކަމުގައި މިފަދަ އެތައް ކަމެއް ކޮށްފައިވާ ކަމަށާއި ރައީސް މުޢިއްޒުގެ މޭޔަރު ކަމުގެ ދުވަސްވަރު ކޮށްފައިވާ މިފަދަ އެތައް ކަމެއް ފޮރުވުމަށް އާޒިމު މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު މާލޭ ސިޓީ ކައުންސިލުގެ މެންބަރުންވެސް ގެންދަވަނީ އާޒިމުގެ ބޮލުގައި އަޅުވަމުންނެވެ.






ރިއެކްޓް