މެންބަރު ފަލާހު މަޖިލީހުގައި އިތުރުފުޅު ހައްދަވައިފި
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު މަޖިލިސް ތަޅުމުގައި އިތުރުފުޅު ހައްދަވައިފިއެވެ.
ޖަޕާނު ސަފީރަކަށް މަހުލޫފު އައްޔަން ކުރުމަށް ސަރުކާރުން މަޖިލީހަށް ފޮނުވުމުން އެކަމަށް އަދި މަހުލޫފަށް ތަޢުރީފު ކުރަމުން ފަލާހު ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫންކަމަށެވެ.
ނަމަވެސް މިއީ ކަން ކަން ހިނގަމުންދާ ގޮތާއި މުޅީން ޚިލާފު ވާހަކައެކެވެ. ރައީސް މުޢިއްޒުގެ ސަރުކާރަކީ މަޤާމުތަކަށް މީހުން އައްޔަން ކުރުމުގައި ވަކި ސިޔާސީ ފިކުރަކަށް ބަލާކަމުގެ ރިކޯޑު އޮތް ސަރުކާރެކެވެ.
މަހުލޫފު ޖަޕާނު ސަފީރަކަށް އައްޔަން ކުރުމަކީ މީގެ ސާފު ހެއްކެކެވެ. ފަލާހުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި މަހުލޫފު ޖަޕާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް އައްޔަންކުރުމަށް މަޖިލީހަށް ފޮނުވީ ޕީއެންސީއަށް މަހުލޫފު ސޮއި ކުރުމަށް ފަހުއެވެ. އޭގެ ކުރިން މަހުލޫފު ހުންނެވީ އެމްޑީޕީގައެވެ. އެމްޑީޕީން ވަކިވަމުން މަހުލޫފު ވިދާޅުވީ ޕާޓީން ވަކިވަނީ ދައުލަތުގެ މަޤާމެއް އަދާކުރެއްވުމަށް ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މިނިވަން މުވައްސަސާތައް އަދި ރާއްޖެއިން ބޭރުގައި ގާއިމުކޮށްފައި ހުންނަ އެމްބަސީތަކަށް މީހުން އައްޔަންކުރުމުގައި ޕީއެންސީއަށް އަދި ރައީސް މުޢިއްޒަށް ތާއީދުކުރާ ފަރާތްތަކަށް އެކަނި ފުރުސަތު ދިނުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގައި ކަންކަން ކުރަމުންދާ ގޮތް ކަން އެއީ ފޮރުވިފައިވާ ކަމެއް ނޫނެވެ.
މެންބަރު ފަލާހު މިފަދައިން މަޖިލިސް ތަޅުމުގައި ވިދާޅުވެފައި ވާއިރު ފަލާހު އަކީ މަޖިލިސް ތަޅުމުގައި ހަގީގަތާއި ޚިލާފު ވާހަކަދެއްކުމުގެ ރިކޯޑު އޮތް މެންބަރެކެވެ.






ރިއެކްޓް