ޖަޕާނު ސަފީރަކަށް މަހުލޫފް އައްޔަން ކުރަން އެމްޑީޕީ މެންބަރުންގެ ވޯޓާއެކު ފާސްކޮށްފި
ސަރުކާރު ހިންގާ ޕީއެންސީއަށް ދާދި ފަހުން ސޮއިކުރި، ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު، ޖަޕާނުގައި ހުންނަ ސަފީރަކަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ޖަޕާނުގައި ހުންނަވާ ސަފީރަކަށް މަހުލޫފް އައްޔަން ކުރަން މިއަދުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވި 60 މެންބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ވަނީ މަހުލޫފް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދީފައެވެ.
މަހުލޫފް ޕީއެންސީއަށް ސޮއިކުރެއްވީ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުމުގެ ތެރެއިންނެވެ. އޭގެ ކުރިން އޭނާ ހުންނެވީ އިދިކޮޅު އެމްޑީޕީގައެވެ. އެމްޑީޕީގެ ވެރިކަމުގައި މަހުލޫފަކީ ސްޕޯޓްސް މިނިސްޓަރެވެ.
މަހުލޫފް އެމްޑީޕީއަށް ސޮއިކުރެއްވީ 2018 ގެ ރިޔާސީ އިންތިހާބު ނިމި، ހުވާ ކުރަން ތައްޔާރުވެފައިވަނިކޮށެވެ. ރައީސް މައުމޫންގެ ޑީއާރްޕީއިން ސިޔާސީ މަސައްކަތް ފެށި މަހުލޫފް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެއްދުމުގައި ވެސް ހަރަކާތްތެރިވިއެވެ. އެ ޕާޓީން އޭނާ ވަކިކުރީއެވެ.






ރިއެކްޓް