އަބަދުވެސް ހުންނަން ބޭނުންވީ އެމްޑީޕީއާއެކުގައި: އަލީ އާޒިމް
އެމްޑީޕީއަކީ އަބަދުވެސް ހުންނަން ބޭނުންވި ތަން ކަމަށާއި އެ ޕާޓީން އަމިއްލައަށް ދިޔައީ ނޫން ކަމަށާއި ޕާޓީން ވަކިކުރީ ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ މާލެ ސިޓީ މޭޔަރުގެ މަގާމަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
"ވިރާސީ އެކޯ" ގައި ވާހަކަދައްކަވަމުން އަލީ އާޒިމް ވިދާޅުވީ ސިޔާސީ ހަޔާތް ފެށީ އެމްޑީޕީން ކަމުގައި ނުވިޔަސް އަބަދުވެސް އެންމެ އުޅޭ ހިތްވި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. ފުރަތަމަ ސޮއިކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް އެ ޕާޓީގެ ޕޯޑިއަމެއް ކައިރި ހުއްޓެން ލިބޭ ކޮންމެ ފަހަރަކީ ވަރަށް އުފާވާ ފަހަރެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
"ސަބަބަކީ އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދޭން. ކޮބައިކަން އެ މީހުންގެ ހާލަތު ދެނެގަނެ، ބުނެދީ އެމީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރެވޭތޯ. އެ މީހުންނަށް ރަނގަޅު ގޮތް ހޯދައިދޭން. އެއީ އަބަދުވެސް ހުންނަން ބޭނުންވި ތަން. ހައްގު ބަސް ބުނާ ތަނަކީ އެއީ ކަން ދެ ފުށް ފެންނަ ގޮތަށް ވާހަކަ ދައްކަނީ އެތާކަން." އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ޕާޓީ ތެރޭގައި ވެސް ގޯސްކޮށް ކަންކަން ހިނޣާނެ ކަމަށާއި އެ ކަންކަމަށް މަޖިލީހުގައި އިނދެގެން ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަން މަޖުބޫރު ކަމަށެވެ. އަދި އަމިއްލަ ސަރުކާރުގެ ތެރޭގައި ވެސް ގޯހެއް ހިނގާނަމަ އޭނާއަކީ ބަސް ބުނާނެ މީހެއް ކަމަށާއި އެމްޑީޕީން ދުރަށް ދާން ޖެހުނީ އެ ސަބަބާ ހުރެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަރުކާރު ތެރޭގައި ވެސް ގޯހެއް ވިއްޔާ އަޅުގަނޑަކީ ބަސް ބުނާ މީހެއް. އެހެންވީމާ އަޅުގަނޑު އެމްޑީޕީން ވަކިކުރީ، އަސްލު އަޅުގަނޑު ދިޔައީކީ ނޫން." މި ފަހުން އަލުން އެމްޑީޕީއަށް ސޮއިކުރި އާޒިމް ވިދާޅުވިއެވެ.
ބޭނުންވަނީ އެމްޑީޕީ އޭގެ އަސްލުގެ ގޮތުގައި އޮންނަން!
އާޒިމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރެއް އޮތް ނަމަވެސް ހަގީގަތުގައި ސަރުކާރު އޮތީ އެހެނިހެން ބައެއް ފިކުރުތަކާ މަސްހުނި ވެފައެވެ.
"އެމްޑީޕީގެ ސިޔާސަތުތަކެއް ނޫނޭ. އެމްޑީޕީގެ ފިކުރެއް ނޫނޭ އޭރު ސަރުކާރުގައި އޮތީ. އެއަށް އަޅުގަނޑު އަބަދުވެސް ވާހަކަ ދައްކަމުން ދިޔައިރު، ބަސް ބުނަމުން ދިޔައީ އެމްޑީޕިގެ ސިޔާސަތުތައް ނުހިނގާ ވާހަކަ. އަޅުގަނޑު ތަކުރާރުކޮށް ކުރި ކަމަކީ ނުވަތަ އަޅުގަނޑުގެ ވިސްނުމަކީ އެމްޑީޕީ އަސްލު އެމްޑީޕިގެ ގޮތުގައި ބޭއްވުން،" އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ކަން ކުރުމަށް ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ، އެމްޑީޕީގެ ތެރެއިން ނެރެން މަޖުބޫރު ކަމަށާއި ކުރިން އޮތް އެމްޑީޕީއަށް ބަދަލުކުރުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިބާބުގައި އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކޮށް ރައީސް މުއިއްޒު ހޮވަން މަސައްކަތް ކުރި ކަމަށް ވާދަވެރިން ދައްކާ ވާހަކަތަކާ ގުޅިގެން އާޒިމް ވިދާޅުވީ އޭރު ވެސް ވަކާލާތު ކުރީ މަސްހުނިވެފައިވާ ވެރިކަމެއް ނުއުފެއްދުމަށް ކަމަށާއި ރައީސް މުއިއްޒަކީ ސޮލިއުޝަނެއް ނޫން ކަމަށް ބުނެފައިވާނެ ކަމަށެވެ.
"އޭރު ވެސް ބުނިން މުއިއްޒަކީ ސޮލިއުޝަނެއް ނޫނޭ. މުއިއްޒު ވެރިކަމަށް އައުމާއެކު ބޭލޭނެ ގޮތެއް ހޯދަން ޖެހެޔޭ،" އޭނާ ވިދާޅުވިއެވެ.
އަލީ އާޒިމް ހިމެނޭހެން އެމްޑީޕީން ވަކިކުރި 12 މެންބަރުން އިސްވެ އޭރު ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދައި، މަސައްކަތް ކޮށްފައިވަނީ އެމްޑީޕީއާ ދެކޮޅަށެވެ.






ރިއެކްޓް