ސިޔާސީ , ޚަބަރު

ކައުންސިލަރުންގެ އަދަދު މަދުކުރަން ހުށަހެޅި ފަލާހު ޕީއެންސީގެ ކެންޕޭން މެނޭޖަރަކަށް

30 ނޮވެންބަރު 2025 - 09:50
ކައުންސިލަރުންގެ އަދަދު މަދުކުރަން ހުށަހެޅި ފަލާހު ޕީއެންސީގެ ކެންޕޭން މެނޭޖަރަކަށް
ފޮޓޯ: ވިރާސީ

ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރަން ގާނޫނަށް އިސްލާހު ހުށަހެޅި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސައިފި އެވެ.

ޕީއެންސީން ހާމަކުރި ގޮތުގައި، އަންނަ މާޗު މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، ޑަބްލިޔުޑީސީގެ އިންތިޚާބުގެ ކެމްޕޭން އިސްކޮށް ހުންނަވާނީ ފަލާހު އެވެ. މި ދެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ އަންނަ އަހަރުގެ މާޗު 28 އެވެ. އިންތިހާބަށް ކުރިމަތިލުމަށް ކެންޑިޑޭޓުންނަށް ހުޅުވައިލުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ 17 ގަ އެވެ.

ފަލާހު ކެމްޕޭން މެނޭޖަރަކަށް ހަމަޖެއްސިއިރު، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މިހާރު ވަނީ އަތޮޅު ކައުންސިލްތައް އުވާލުމަށާއި އަދި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރަން ވެސް ފާސްކޮށްފަ އެވެ. ލާމަރުކަޒީ ގާނޫނަށް ގެނެވުނު މި ބޮޑެތި ބަދަލުތަކަށް ފަހު ބާއްވާ ފުރަތަމަ ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެމްޕޭން އިސްކޮށް ހިންގުމުގެ މަސްއޫލިއްޔަތު މިވަނީ ފަލާހާ ހަވާލުކުރެވިފަ އެވެ.

އިންތިހާބުގެ ތައްޔާރީތަކުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން (އީސީ) ވަނީ ކައުންސިލް އިންތިހާބާއި ޑަބްލިޔުޑީސީ އިންތިހާބާ ގުޅޭ ގޮތުން، ސިޓީތަކާއި ރަށްތަކުގެ އާބާދީގެ ތަފުސީލުތައް ވެސް އާންމުކޮށްފަ އެވެ. މިފަހަރުގެ ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން، ކެންޑިޑެސީ ހުށަހަޅަން ޖެހޭނީ އީސީގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.

ލޯކަލް ކައުންސިލްތަކުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި، ޕީއެންސީން ފަލާހު ފަދަ އިސް ލީޑަރަކު ކެމްޕޭން މެނޭޖަރަކަށް ހަމަޖެއްސުމަކީ ލާމަރުކަޒީ ނިޒާމު ފުނޑުފުނޑު ކޮށްލުމަށް ޕީއެންސީން ގެންގުޅޭ ފަލްސަފާ ދައްކުވައިދޭ ކަމެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0