ޚަބަރު

ނުވަރަ އެލިޔާއަށް ދިޔަ ދިވެހި އާއިލާއެއްގެ ޚަބަރެއް ނުވެގެން ހޯދަނީ

28 ނޮވެންބަރު 2025 - 21:13
ނުވަރަ އެލިޔާއަށް ދިޔަ ދިވެހި އާއިލާއެއްގެ ޚަބަރެއް ނުވެގެން ހޯދަނީ
ފޮޓޯ: އޭއެފްޕީ

ސްރީ ލަންކާގެ ނުވަރަ އެލިޔާ ސަރަހައްދަށް ދަތުރުކުރި ދިވެހި އާއިލާއެއްގެ ޚަބަރެއް ނުވެގެން، މާލެއިން ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ރިޕޯޓުކޮށްފި އެވެ.

މި އާއިލާ ގެއްލިގެން ހޯދަމުންދަނީ، ތޫފާން ޑިޓުވާގެ ސަބަބުން ލަންކާއަށް ބޮޑެތި ގެއްލުންތަކެއް ލިބި، 56 މީހުން މަރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނިގޮތުގައި ލަންކާއަށް ދިޔަ އާއިލާއެއްގެ ޚަބަރެއް ނުވެގެން މާލެއިން ރިޕޯޓެއް ލިބިފައިވާ ކަމަށާއި، އެކަން މިހާރު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. ތޫފާން "ޑިޓުވާ" ގެ ސަބަބުން ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކުގެ ސަލާމަތީ ކަންކަން އެމްބަސީން ދަނީ ގާތުން ބަލަމުންނެވެ.

ތޫފާން ޑިޓުވާގެ ސަބަބުން އެ ސަރަހައްދަށް ވަނީ ބިންގަނޑު ކަނޑައިގެން ގޮސް މަގުތައް ބެދިދާނެ ކަމުގެ އިންޒާރު ނެރެފަ އެވެ. އަދި ބޯ ވާރޭގެ ސަބަބުން ކޯރުތައް ބަންޑުންވެ، އެ ސަރަހައްދުގައި ގިނަ ގެތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މިހާރު ލަންކާގެ ސިފައިން ދަނީ އެ ހިސާބުގަނޑުގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި މަަސައްކަތަށް ބައިނަލްއަގުވާމީ އެހީއަށްވެސް ސްރީލަންކާއިން މިހާރު ވަނީ އެދިފައެވެ.

ލަންކާގައި ދިރިއުޅޭ ނުވަތަ އެހީތެރިކަމެއް ބޭނުންވާ އެއްވެސް ދިވެއްސަކު ވާނަމަ، ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ހޮޓްލައިން 94761886666+ އަށް ގުޅުމަށް އެމްބަސީން އެދިފައިވެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0