ޚަބަރު

މުސާރަ ނުލިބޭ ގޮތަށް ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށްފި

27 ނޮވެންބަރު 2025 - 22:48
މުސާރަ ނުލިބޭ ގޮތަށް ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށްފި
ފެރިދޫ ކައުންްސިލުގެ ރައީސް އިސްމާޢިލް ޝާހު (ވ) ރައީސް މުޢިއްޒާއި ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ފ. ފެރިދޫ ކައުންސިލްގެ އިދާރީ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަން ސާބިތުވުމާ ގުޅިގެން އެ ކައުންސިލްގެ ރައީސް އިސްމާޢިލް ޝާހު, މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ސަސްޕެންޑުކުރަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ނިންމައިފިއެވެ.

އެލްޖީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ފެރިދޫ ކައުންސިލްގެ އިދާރީ މުވައްޒަފަކަށް އިސްމާއީލް ޝާހު ޖިންސީ ފުރައްސާރަކުރިކަން މަދަނީ މިންގަނޑުން ސާބިތުވެފައިވާތީ، އެކަމާ ގުޅިގެން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އަންގަވައިގެން ހެދި އިންކުއަރީއަކަށްފަހު މި ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ޝާހުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ކުށް ސާބިތުވާކަމަށް ނިންމާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިއަދުގެ ނިންމުމަކީ އެ ނިންމުމާ ގުޅިގެން އެޅުނު އިދާރީ ފިޔަވަޅެކެވެ.

މި މައްސަލައިގެ ޙުކުމުގައިވާ ގޮތުން، މައްސަލަ ހުށަހެޅި އެސިސްޓެންޓް ކައުންސިލް އޮފިސަރާއި ޝާހުގެ ފަރާތުން ހުށަހެޅުނު ލިޔުންތަކާއި ދެ ފަރާތުން ދެއްކި ވާހަކަތައް އަދި ހެކި ބަހަށް ބަލާއިރު، ޝާހު ޖިންސީ ފުރައްސާރަ ކޮށްފައިވާކަން މަދަނީ މިންގަނޑުން ސާބިތުވެއެވެ. އަދި ޙުކުމުގައި ވަނީ، އެސިސްޓެންޓް ކައުންސިލް އޮފިސަރާ މެދު، ފުރައްސާރައިގެ އެއްވެސް ޢަމަލެއް ތަކުރާރުނުކުރުމަށް ޝާހުގެ މައްޗަށް އަންގައި ޢަމުރުކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0