ބޮޑު އޮޕަރޭޝަނުން ހޯދުނީ 29 ކިލޯ ޑްރަގް، ހައްޔަރުކުރި ގިނަ މީހުން ކޯޓަށް ވެސް ނުގެންދޭ
މުޅި ރާއްޖެއިން މަސްތުވާތަކެތި ވިއްކުން ހުއްޓުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކުރިއަށް ގެންދިޔަ ބޮޑު އޮޕަރޭޝަންއިން ހޯދުނީ 29 ކިލޯގެ ޑްރަގް ކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހަދަން ސަރުކާރުން ކުރާ މަސައްކަތުގައި، ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ކަމަށް ބުނެ ހާއްސަކޮށްގެން އޮޕަރޭޝަނެއް ހިންގީ މި މަހުގެ 13 ގަ އެވެ. އެ ދުވަހު ބުނި ގޮތުގައި މި އޮޕަރޭޝަނުން 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް ގިނަ އަދަދެއްގެ ޑްރަގް ހޯދިއެވެ.
ފުލުހުން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު ފުލުހުންނަށް އެ ދުވަހު މުޅި ރާއްޖޭގައި އަތް ފުނާ އަޅައިގެން ހޯދިފައިވަނީ އެންމެ 29 ކިލޯގެ ޑްރަގެވެ. އޭގެ ތެރޭގައި މި މަހުގެ ދެ ވަނަ ދުވަހު ހުވަދު އަތޮޅަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި 12 ކިލޯ ވެސް ހިމެނެ އެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރި 16 މީހުންނަކީ ވެސް މި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރި ބައެއް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރި 119 މީހުންގެ ތެރެއިން 61 މީހަކު ޑްރަގަށް ޕޮޒިޓިވްވިއެވެ. އެހެންނަމަވެސް އޭގެ ތެރެއިން ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރީ އެންމެ 38 މީހެކެވެ. އެހެންކަމުން މި އޮޕަރޭޝަންގައި ހައްޔަރުކުރި ގިނަ މީހުން ވަނީ ކޯޓަށް ހާޒިރުވެސް ނުކޮށް ދޫކޮށްލައިފައެވެ.
އޮޕަރޭޝަނާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައިވާ ގޮތުގައި އޮޕަރޭޝަނަކީ ޑްރަގްގެ ވިޔަފާރި ހުއްޓުވަން އަޅާ ވަރުގަދަ ފިޔަވަޅުތަކުގެ ފެށުމެކެވެ. އެ މީހުން އެ މަސައްކަތް ހުއްޓާލުމަށް އިހުސާން ވަނީ އިންޒާރެއް ވެސް ދެއްވައިފައެވެ.






ރިއެކްޓް