އާޒިމުގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އާއިލީ ކުންފުންޏާ ބެހޭ މަޢުލޫމާތު ސިއްރުކުރާކަމުގެ ތުހުމަތު
މާލޭ ސިޓީ ގެ މޭޔަރު އާދަމް އާޒިމްގެ އާއިލީ ކުންފުންޏެއް ކަމަށްވާ "ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން" (އާރުސީސީ) ގެ މަޢުލޫމާތު އާޒިމުގެ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ސިއްރު ކުރައްވާކަމުގެ ތުހުމަތު އާޒިމުގެ މައްޗަށް ކުރެވިއްޖެއެވެ.
މާލޭގެ ބިންތައް ކުއްޔަށް ދޫކޮށްފައިވާ ގޮތް އަންގައިދޭ ލިސްޓު މާލޭ ސިޓީ ކައުންސިލުން ޢާއްމު ކުރުމުން އެ ލިސްޓުގައި "ހީނާމާގެ" ނުހިމަނައި އޮތް ސަބަބާއި ބެހޭ ގޮތުން ސުވާލު އުފައްދަވައި އާޒިމްއަށް މިސުވާލު ކުރިމަތި ކުރެއްވީ އަލީ އާޒިމް އެވެ.
ހީނާމާގެ އަކީ މޭޔަރު އާޒިމްގެ އާއިލީ ކުންފުނި އާރުސީސީއަށް ރައީސް މުޢިއްޒުގެ މޭޔަރު ކަމުގައި ދީފައިވާ ބިމެކެވެ. ޕާކިންޒޯނެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުންދާ މި ބިން އާރުސީސީއަށް ލިބިފައިވާކަން އާރުސީސީގެ އެއް ޝެއާހޯލްޑަރު އަދި މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު ވަނީ މީގެ ކުރިން މީޑިއާގައި ކަށަވަރުކޮށްދެއްވާފައެވެ.
މާލޭގެ ބިންތައް ކުއްޔަށް ދޫކޮށްފައިވާ ގޮތުގެ މަޢުލޫމާތު ދެއަހަރެއްހާ ދުވަސް ފަހުން ހާމަކުރި އިރު އެ ލިސްޓުގައި އެ ބިމުގެ މަޢުލޫމާތު ނެތުމުން މޭޔަރު އާޒިމް އަށް އަލީ އާޒިމް ކުރިމަތިކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ "ދޮގު ހެދުމަކީ އެހާ ރީތި ސިފައެއް ނޫންކަމަށާއި އެކަމާއި ގުޅޭ އެއްވެސް ލިޔެކިޔުމެއް ވާނަމަ ހާމަކުރެއްވުމަށެވެ."
ނަމަވެސް މިފަދަ ބިންތަކާއި ބެހޭ ލިޔެކިޔުންތަަކީ މޭޔަރުގެ އަތްޕުޅުގައި ހުންނާނެ ލިޔެކިޔުންތަކެވެ. އަލީ އާޒިމަށް މިފަދަ ލިޔުންތައް ލިބޭނީ ޤާނޫނު ބުނާ ހަމައިގެ ތެރެއިން އެ ލިޔުންތައް ހޯދުމަށް އެދުމުން މާލޭ ސިޓީ ކައުންސިލުން އެ ލިޔުންތައް ފޯރުކޮށްދިނުމުންނެވެ.
އާޒިމުގެ މައްޗަށް ކުރެވޭ މިފަދަ ތުހުމަތުތައް މިދުވަސްކޮޅު އިތުރު ވެފައިވާއިރު، ގިނައީ މަޢުލޫމާތު ސިއްރުކުރެެއްވުމާއި ބޮޑެތި ޖަރީމާތައް ތަހުގީގު ނުކޮށް އާޅާނުލާ ދޫކޮށްލާފައި ހުންނަކަމުގެ ތުހުމަތުތަކެވެ.
އާރުސީސީ ގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ އެއް ކުންފުނީގެ ހިއްސާދާރަކަށް އާދަމް އާޒިމް ހުންނަވައެވެ. އެ ކުންފުނީގެ ނަމަކީ "އަބްދުއްރަޝީދު އެންޑް ފެމިލީ ޕވޓ. ލޓޑ." އެވެ.






ރިއެކްޓް