ޚަބަރު

ރާއްޖޭގެ ވެރިކަމުގައި ހުރީ "ބޮޑު ސްކޭމަރެއް": މީކާއިލް

24 ނޮވެންބަރު 2025 - 12:53
ރާއްޖޭގެ ވެރިކަމުގައި ހުރީ "ބޮޑު ސްކޭމަރެއް": މީކާއިލް

ރާއްޖޭގެ ވެރިކަމުގައި މިއަދު ހުރީ ބޮޑު ސްކޭމަރެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން ރައީސް ޑރ، މުހައްމަދު މުއިއްޒު އަޅަން ވައުދުވެވަޑައިގެންނެވި މޮނޮރެއިލްއާއި އަންޑަވޯޓާ ޓަނަލަށް ފާޑުވިދާޅުވެ މިކާއިލް ވިދާޅުވީ، މިއީ ސްކޭމް ސަރުކާރެއް ކަމަށެވެ. 

"މިއީ ސްކޭމަރެއް، މިއަދު ރާއްޖޭގެ ރައީސް ކަމުގައި މިހުރީ ބޮޑު ސްކޭމަރެއް. މޮނޮރެއިލް އިން ފެށިގެން އަންޑަވޯޓާ ޓަނަލުން ފެށިގެން މާލޭގެ ޕާކިން ސްލޮޓުން ފެށިގެން މީނާ ހަދާފައ އޮތީ ހުސް ސްކޭމް. މިއީ ސްކޭމް ސަރުކާރެއް، ސްކޭމް ރައީސުލްޖުމްހޫރިއްޔާއެއް،" މީކާއިލް ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ މުއިއްޒުގެ ވެރިކަމުގައި ގައުމުގެ މިސްރާބު ހުރީ ބަނގުރޫޓުވުމާ ދިމާލައަށް ކަމަށާއި އޭގެ ކުރިން ވެރިކަމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ. 

މަޖިލީހުގެ މެންބަރުންނަށްވީތި ބަޖެޓަށް ވޯޓު ދޭން ޖެހޭ ކަމަށް ސަރުކާރުން މެންބަރުން ވިދާޅުވާ ވާހަކައަށް ރައްދު ދެއްވަމުން މީކާއިލް ވިދާޅުވީ ހިސާބު އޮޅުވާލައި، ކަންކަން އޮޅުވާލުމަށް ހަދާފައި އޮތް ބަޖެޓަކަށް ވޯޓު ދޭކަށް ނުޖެހޭ ކަމަށެވެ. 

"މީގެ އަހަރުތަކެއް ފަހުން ދިވެހިރާއްޖޭގެ ދައުލަތް ޑިފޯލްޓާ ދިމާލަށް ދާއިރު އަޅުގަނޑުމެންނާ، 20 ވަނަ ރައްޔިތުންގެ މަޖިލީހުންގެ މެންބަރުންނާ މެދު ރައްޔިތުން ސުވާލުކުރާނެ. އެ ދުވަހު މި ބަޖެޓަށް ވޯޓު ދިނީ ކީއްވެތޯ. އެހެންވީމާ އެ ދުވަހު އެ ކަމަށް ޖަވާބުދާރީވެވޭ ހާލަތުގައި އަޅުގަނޑުމެން ތިބޭނީ." މީކާއިލް ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު އޮތް ގޮތް ބަޖެޓުންނާއި އިގްތިސޯދީ ހާލަތު އޮތް ގޮތް ވެސް ފެންނަ ކަމަށެވެ. ލޯނު ނުދައްކާ ދަރަނި ރިފައިނޭންސް ކުރަމުން، މުސާރަތައް ކުޑަނުކޮށް ކުރިއަށް ނުދާނަމަ، ޑިފޯލްޓަށް ގައުމު ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0