ފައްޔާޒުގެ އިސްތިއުފާ އާއިއެކު ނަޝީދުގެ ތަޢުރީފު
އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުން ފައްޔާޒް އިސްމާއީލް މިރޭ އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ޕާޓީ އުފެދުނީއްސުރެ ޕާޓީއަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު. ފައްޔާޒަށް ތައުރީފު ކުރައްވައިފަ އެވެ.
ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފައްޔާޒަކީ ޕާޓީގެ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގެން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ޖަލަށް ވަޑައިގަންނަވަން ޖެހުނު ވަގުތު ޖެހިލުންވުމެއް ނެތި އެކަން ކުރެއްވި ބޭފުޅެއް ކަމަށް ވެސް ނަޝީދު ފާހަގަކުރެއްވި އެވެ. ނަޝީދު ވަނީ އެމްޑީޕީއާއެކު ފައްޔާޒަށް އިތުރު ކުރިއެރުމަށް އެދިވަޑައިގެންފަ އެވެ.
ފައްޔާޒު އިސްތިއުފާ ދެއްވަމުން ޤައުމީ މަޖިލީހަށް ފޮނުވި ސިޓީގައި، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ބޭއްވި ރިޔާސީ ޕްރައިމަރީއާގައި ކަން ހިނަގައި ދިޔަ ގޮތާމެދު އޭނާ ހިތްހަމަ ނުޖެހޭކަން ހާމަކުރެއްވި އެވެ. އެ ޕްރައިމަރީގައި އެ ޕާޓީގެ އެންމެ މަގުބޫލު ދެ ބޭފުޅުން ކަމުގައިވާ އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދު ވާދަ ކުރެއްވުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ ޕްރައިމަރީއާއި ގުޅިގެން އުފެދުނު ޚިޔާލު ތަފާތުވުންތައް ހައްލުކުރުމަށް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން ފަސް ފަހަރެއްގެ މަތިން ނަޝީދުގެ ޓީމާ އެކު މަޖިލީހުގެ އިދާރާގައި ބައްދަލު ކުރެއްވި ކަމަށް ފައްޔާޒްގެ ސިޓީގައި ފާހަގަކުރެއްވިއެވެ. އެ ބައްދަލުވުންތަކުގައި ވާހަކަ ދެކެވުނީ ނަޝީދު ޕްރައިމަރީގައި ވާދަ ނުކުރެއްވުމަށާއި، ރިޔާސީ އިންތިހާބުގެ ކުރިން ނިޒާމީ ވޯޓެއް ނަގައި، އެ ވޯޓުގައި އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރުމަށް ކަމަށެވެ. ނަމަވެސް އެ ބައްދަލުވުންތަކުން ދެފަރާތް އެއްބަސްވާ ނަތީޖާއެއް ނކުމެފައި ނުވާކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އޭގެ ފަހުން ރައީސް ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިން އަނެއްކާވެސް ނަޝީދާ އެކު މަޝްވަރާތައް ފެއްޓެވިއިރު، އެއްބަސްވުމަކަށް އާދެވުނު ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެ އެއްބަސްވުމުގައި އޮތީ ޕްރައިމަރީއެއް ނުބާއްވައި ސޯލިހު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށާއި، ރިޔާސީ އިންތިހާބުގެ ކުރިން ވެރިކަމުގެ ނިޒާމަށް ވޯޓަށް އެހުމަށް ކަމަށެވެ. އަދި އެ ވޯޓުގައި އެމްޑީޕީން ވަކިކޮޅެއް ނުނަގާ ގޮތަށް އެއްބަސްވުނެވެ. ނަމަވެސް، އެ އެއްބަސްވުމާއި ޚިލާފުވެ, އެމްޑީޕީގެ ލީޑާޝިޕުން ނަޝީދަށް "ދޯކާ" ދިންކަމަށް ފައްޔާޒް ސިފަކުރެއްވިއެވެ.
ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި، އެ ޕްރައިމަރީ ނިމުނުއިރު އޮތީ އެތައް އަހަރެއް ވަންދެން އެކުގައި އިސްލާހަށް ކުރި މަސައްކަތް އެކޮޅުކޮޅުން ޖެހި، އެކުވެރި ރަހުމަތްތެރިން މޫނު ކެނޑިފަ އެވެ. އެމްޑީޕީއަކީ އާއިލާއެއްގެ ގޮތުގައި އޮތް ޕާޓީއެއް ކަމަށް ވިދާޅުވެ، އެ ގުޅުންތައް ދެފަޅިވެ, އޭގެ ސަބަބުން ރިޔާސީ އިންތިޚާބުން ބަލިވެގެންދިޔަކަން ފައްޔާޒުގެ ސިޓީގައި ފާހަގަކުރެއްވިއެވެ.






ރިއެކްޓް