އެމްއޭސީއެލް ބޯޑަށް ޖަމީލު އުސްމާން އައްޔަނުކޮށްފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް، ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ޖަމީލް އުސްމާން މިއަދު އައްޔަން ކުރައްވައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު ވަނީ ޖަމީލް އުސްމާން އެމްއޭސީއެލްގެ ބޯޑަށް އައްޔަންކުރިކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.
ޖަމީލް އުސްމާނަކީ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި ޕީޕީއެމްގެ ޓިކެޓުގައި ގެމަނަފުށީ ދާއިރާ ތަމްސީލު ކުރެއްވި ބޭފުޅެކެވެ. ނަމަވެސް، މި އަހަރުގެ މަޖިލީސް އިންތިޚާބުގައި އޭނާ ވާދަ ކުރެއްވިއިރު، ކާމިޔާބުވެވަޑައިގެންފައެއް ނުވެ އެވެ. އޭނާގެ މި އައްޔަނުކުރެއްވުމާއެކު، އެމްއޭސީއެލްގެ ބޯޑަށް ގިނަ ބަދަލުތަކެއް އައިސްފައިވާ ކަމަށް ފާހަގަކުރެވެ އެވެ.
އެމްއޭސީއެލްގެ ބޯޑަށް މި ބަދަލު ގެނެސްފައި މިވަނީ، އެ ކުންފުނިން ބިން ހިއްކުމާއި ސަރުކާރުގެ ބައެއް މަޝްރޫއުތައް ހިންގުމަށް ހަވާލުވާން ބޯޑުން ނިންމި ނިންމުމަކާ ގުޅިގެން ބޯޑުގެ ކުރީގެ މެންބަރަކު ވަކިކުރި ކަމަށް މައުލޫމާތު ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ. އެ ނިންމުމާ ދެކޮޅު ހެދުމުގެ ސަބަބުން ރިޔާޒު ނަމަކަށް ކިޔާ މެންބަރަކު ވަކިކުރިކަމަށްވެ އެވެ.
ޖަމީލް އުސްމާންގެ އިތުރުން އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބަވާ ބޭފުޅުންގެ ތެރޭގައި ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހް އާއި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ހިމެނިވަޑައިގަންނަވަ އެވެ. އަދި ސަހާ ވަހީދު، އިބްރާހިމް ސިޔާދު ގާސިމް، އަދި އިބްރާހިމް މަހުދީ ވެސް ބޯޑުގެ މެންބަރުންގެ ގޮތުގައި ތިއްބަވަ އެވެ. އެމްއޭސީއެލްގެ ބޯޑަކީ ސަރުކާރުގެ މުހިންމު މަޝްރޫޢުތައް ހިންގާ އެއް ކުންފުނީގެ ބޯޑެވެ.






ރިއެކްޓް