ޑްރަގް ބޮޑުން ހައްޔަރުކުރިކަމަށް ބުނެ ސަރުކާރުން އެޅުވީ އަނދުނެއް؟
ސަރުކާރަށް ދެ އަހަރު ފުރުނު ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ފުލުހުން ހިންގި "އަލިމަގު" އޮޕަރޭޝަނަކީ ސްކޭމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފިއެވެ.
'އޮޕަރޭޝަން އަލި މަގު'ގެ ނަމުގައި ރާއްޖޭގެ ފަސް ސަރަހައްދަކަށް ބަހާލައިގެން ފުލުހުންގެ އެކި ޑިޕާޓްމަންޓްތައް ގުޅިގެން، 500އަށް ވުރެ ގިނަ އޮފިސަރުންނާ އެކު އޮޕަރޭޝަނެއް ފެށިކަން އިއުލާނުކުރި ނޮވެންބަރު މަހުގެ 13 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. ފުލުހުން އެ ދުވަހު ބުނި ގޮތުގައި އެ ދުވަހުގެ މެންދުރާ ހަމައަށް 90 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރި އެވެ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އެ ދުވަހު ވިދާޅުވި ގޮތުގައި ހައްޔަރުކުރީ އެ ކަމުގެ ވިޔަފާރީގައި އުޅޭ 90 ބޮޑުންނެވެ. ބަލައި ފާސްކުރާ ތަންތަނުން ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި އަދި ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ ސިނގިރޭޓު ވެސް ނެގި ކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވަނީ އެއާއެކު ޑްރަގް ވިޔަފާރީގައި އުޅޭ މީހުންނަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.
"މިއަދަށް ފަހު، މި ރާއްޖޭގައި މި ފުރުސަތެއް ނުދޭނަން. ޑްރަގު ކަންތައްތަކުގައި އުޅޭ މީހުންނާ ދެކޮޅަށް ރާއްޖޭގައި އެޅެން ހުރި އެންމެ ވަރުގަދަ ފިޔަވަޅު އަޅުގަނޑުމެން އަޅާނަން," އޭނާ އެ ދުވަހު ވިދާޅުވިއެވެ.
ނަމަވެސް, އެ އޮަޕަރޭޝަނަށް މިއަދަށް ދެ ހަފްތާވެގެން ދިޔައިރު މިހާތަނަށް އެ ކަމުގެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައިނުވެއެވެ. ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ހައްޔަރުކުރި މީހުންގެ ބަންދާމެދު އަމަލު ކުރި ގޮތެއް ބުނެފައިނުވެއެވެ.
ހައްޔަރުކުރާތާ 24 ގަޑިއިރު ތެރޭގައި ކޯޓަށް ހާޒިރުކުރަން ޖެހޭއިރު, މި މީހުން ކޯޓަށް ހާޒިރުކުރިކަން ނުވަތަ ނޫން ކަން ވެސް އެނގޭ ގޮތް ވަނީ ނުވެފައެވެ. ކްރިމިނަލް ކޯޓުން ކޮންމެ ދުވަހަކު އާންމުކުރާ ބަންދު އަމުރުތަކުގައި ވެސް މި މީހުންނާ ގުޅޭ އަމުރެއް ނެތެވެ.
އެހެނިހެން ކުދިކުދި މައްސަލަތަކުގައި ތުހުމަތުވާ މީހުންގެ ފޮޓޯއާއި ވަނަވަރު ފުލުހުން ވަގުތުން އާންމުކުރާއިރު މި މީހުންގެ މައުލޫމާތު މިހާތަނަށް ވެސް ސިއްރުކޮށްފައި އޮތުމުން ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
ގިނަ ބަޔަކު މި އޮޕަރޭޝަން މިހާރު ސިފަކުރަނީ ރައްޔިތުންގެ ލޮލުގައި އެޅުވި "އަނދުނެއް"ގެ ގޮތުގައެވެ.






ރިއެކްޓް