ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ވަގަށް ނަގައިފި
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެެއްގެ ސިނގިރޭޓު ކާޓަންތަކެއް ވަގަށް ނެގި މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.
މިފަދަ އަޑުތަކެއް ފެތުރޭތީ ނޫސްވެރިން ސުވާލު ކުރާތާ ދެ ދުވަސް ފަހުން ފުލުހުން ބުނީ, ގާނޫނީ ހިލާފަށް އެތެރެ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން ހިފެހައްޓާފައި ހުރި ސިނގިރޭޓު ކާޓަންތަކެއް ގެއްލިފައިވާ މައްސަލަ ތަހުގީގުކުރަމުންނެވެ.
ގެއްލިފައިވަނީ ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުރި 32 ކާޓަންގެ ތެރެއިން ހަ ކާޓަން އެވެ.
ފުލުހުން ބުނި ގޮތުގައި މި ތަކެއްޗަކީ މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ތަކެއްޗެވެ. ބައެއް ކާޓަން މަދު ކަން އެނގުނީ އެ ތަކެތި ކަސްޓަމްސް އާ ހަވާލުކުރުމަށް މި މަހުގެ 12 ވަނަ ދުވަހު ބެލުމުން ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް ހަމަ އެ ސްޓޭޝަންގައި ހުރި 25 ސިނގިރޭޓު ކާޓަން މަދުކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ތަކެއްޗަކީ ދެ ބިދޭސީއެއްގެ ދަށުން މިދިޔަ އަހަރު ޑިސެންބަރު މަހު ހިފެހެއްޓި ތަކެއްޗެވެ.
މި މައްސަލަތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންޑުން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.






ރިއެކްޓް