ޚަބަރު

ސްމާޓް ސިޓީގެ ތަސައްވުރާއެކު، މާލޭ މޭޔަރުކަމަށް އަލީ އާޒިމް ކެމްޕެއިން ފަށައިފި

20 ނޮވެންބަރު 2025 - 23:32
ސްމާޓް ސިޓީގެ ތަސައްވުރާއެކު، މާލޭ މޭޔަރުކަމަށް އަލީ އާޒިމް ކެމްޕެއިން ފަށައިފި
ފޮޓޯ: އާޒިމް ކެމްޕެއިނު ޓީމު

މާލޭ ސިޓީއަކީ ސްމާޓް ސިޓީއަކަށް ހެދުމުގެ ތަސައްވުރަކާއެކު، މާލޭ މޭޔަރު ކަމަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް މެދު ހެންވެއިރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ކެމްޕެއިނު ފައްޓަވައިފިއެވެ. 

އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ފެށި އާޒިމްގެ ކެމްޕެއިނުގެ ނަމަކީ "ގަދަކޮށް" އެވެ. 

އާޒިމް ވިދާޅުވި ގޮތުގައި މާލޭ މޭޔަރު ކަމަށް ވާދަކުރަން ނިންމެވީ ސަރުކާރު ޖަވާބުދާރީކުރުވުމަށާއި މާލޭ ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަށެވެ. 

އެމްޑީޕީ ޕްރައިމަރީގައި އާޒިމާ ވާދަކުރައްވަން ނިންމާފައިވާ އަދި މޭޔަރު ކަމުގައި ހުންނެވި އާދަމް އާޒިމަށް ފާޑުވިދާޅުވަމުން އަލީ އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހައްގު މިންވަރަކީ ދެ ތިން ކާނު ސާފުކޮށްލުމާއި ގަބުރުސްތާނުތަކުގައި ޕާކު ހެދުން ނޫން ކަމަށެވެ. 

"މާއެ ތަނުގައި އަޅުގަނޑުމެން ކައިރި ބުނަނީ ކުޅެލާ މަޖާކޮށްލާ ހީލާ އެތާ ފުޓުބޯޅަ ކުޅެލާ ހެދުން އެއީ މާލޭ މީހުންނަށް ހައްގު މިންވަރު ކަމުގައި ބުނެދޭން ބަޔަކު މަސައްކަތް ކުރީމާ އަޅުގަނޑުމެން އެބަ ނިކުންނަން ޖެހޭ. އަޅުގަނޑުމެންނަކަށް ނުތިބެވޭނެ," މެދު ހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ދެ ދައުރު ފުރުއްވި އާޒިމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ އެކަމާ ދެކޮޅަށް ނިކުންނަން ޖެހޭ ކަމަށާއި މާލެ ރައްޔިތުންނަށް އެއަށް ވުރެ ތާހިރު ދިރިއުޅުމެއް ހޯދައިދޭން ޖެހޭ ކަމަށެވެ. 

"މާލޭ މީހުންނަށް ހައްގު މިންވަރު އަޅުގަނޑުމެންނަށް އެބަ އެނގޭ. ތާހިރު ދިރިއުޅުމެއް އުޅެވޭނެ ގޮތް ހަދައިދޭން އެބަ ޖެހޭ. ރީތިކޮށް ގެއެއްގައި ތިބެގެން އަޅުގަނޑުމެންނަށް ދަރިންނާ އެކުގައި އުޅެވޭނެ މާހައުލެއް އެބަ ހޯދަ ދޭން ޖެހޭ. އުފާވެރި ހިތްހަމަ ޖެހޭ އާއިލާއެއް ލިބޭނެ ގޮތް ހަދައިދީ މާލޭގެ ރައްޔިތުންނަށް އުޅެވޭނެ ގޮތް ހަދައިދޭން ޖެހޭ," އޭނާ ވިދާޅުވިއެވެ. 

އާޒިމް ވިދާޅުވި ގޮތުގައި މޭޔަރު ކަމަށް އޭނާ ވާދަކުރައްވަނީ މާލެއަކީ ސްމާޓް ސިޓީއަކަށް ހެދުމުގެ ޕްލޭނަކާއެކުގައެވެ. އެއާއެކު މުޅި މާލެ 24 ގަޑިއިރު މޮނިޓާ ކުރެވި ކުށްކުރުން މަދު ކުރެވޭނެ ކަމަށާއި ކައުންސިލުން ދެމުން ހިދުމަތްތައް ވެސް ފަސޭހައިން ފޯނުން ހޯދޭނެ ގޮތް ފަހިކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0