ބިދޭސީންގެ މައްސަލަ ހައްލުކުރީ އެމްޑީޕީގެ ސަރުކާރުން: ފައްޔާޒް
ބޮއްސުންލާފައި އޮތް ބިދޭސީންގެ މައްސަލަ ހައްލުކުރީ ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމުގައި ކަމަށް އެމްޑީޕީގެ ޗެއާޕާސްން އަދި އެމްޑީޕީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ބިދޭސީންގެ މައްސަލައިގައި އެމްޑީޕީގެ ސަރުކާރުން ކުރެއްވި މަަސައްކަތްތަކާއި ރައީސް މުޢިއްޒުގެ ސަރުކާރުން ކުރަުންދާ މަސައްކަތްތައް އަޅާކިޔައި ތަފާތުތައް ފާހަގަކޮށްދެއްވަމުން ފައްޔާޒް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރާނެ ކަމުގެ ކްރެޑިޓް ނަންގަވަން ރައީސް މުޢިއްޒުގެ ސަރުކާރުން ދައްކަވާ ވާހަކަތައް ބަލައި ނުގަންނަ ކަމަށާއި ބިދޭސީންގެ މައްސަލަ ހަޤީޤީ ގޮތަކަށް ހައްލު ކުރީ އެމަނިކުފާނުގެ މިނިސްޓަރު ކަމުގައެވެ.
"އަޅުގަނޑުމެން އޭރު އައިއިރުގައި ބިދޭސީންގެ ކަންތައް އޮތީ ވަކި މިނަކަށް ނޫން މުޅި ޤައުމުގެ ބޮއްސުންލާފައި އިނގޭތޯ. ނުވަދިހަ ހާސް، ނޫނީ ލައްކައެއްހާ ބިދޭސީން ތިބި ގެނެސް އަޅައިލާފައި އިނގޭތޯ. އަޅުގަނޑުމެންނަށް އެތަނަށް ވަދެ އެއްވެސް، ރެކޯޑެއްވެސް ނެތް ކިހިނެއްތޯ ވެފައި އޮތީ؟ ކާކުތޯ މީހަކު އެބަހުރިތޯ ނެއްތޯ؟" އެމްޑީޕީގެ ސަރުކާރުން ވެރިކަމާއި ހަވާލުވީ އިރު ބިދޭސީންގެ މައްސަލަ އޮތް ގޮތް ކިޔައިދެއްވަމުން ފައްޔާޒް ވިދާޅުވިއެވެ.
އެފަދަ އޮޅުން ބޮޅުން ހާލަތެއްގައި އޮތް އެ މައްސަލަ ހައްލުކުރީ އެމަނިކުފާނުގެ މިނިސްޓަރު ކަމުގައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އަދި އެމަނިކުފާނުގެ މިނިސްޓަރުކަމުގައި ފުރަތަމަ ބެއްލެވީ މައްސަލަ އިތުރަށް ބޮޑު ނުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން ނިޒާމަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައި, ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލި ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ.
"ލައްކައެއްހާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ހަމަ އަނެއްހާ އިންސާނުންގެ އިތުރުން، އަދި މުސްލިމުން، ބަނގްލަދޭޝްގެ ރައްޔިތުން ގިނައީ އެ މީހުން މި ތަނަށް ގެނެއްސަ އޮތްގޮތްވެސް އަޅުގަނޑުމެން އެންމެންނަށް އެނގޭ އެ މީހުންނަށް އޮޅުވާލައިގެން ގެނެސް މަގުމައްޗަށް ހަމަ އަޅާލާފައި އޮތީ އިނގޭތޯ. އަޅުގަނޑުމެންގެ ހަވާލުވުމުގެ ކުރީގެ ސަރުކާރުގައި، އޭގެ ކުރީގެ ސަރުކާރުގައި ބިދޭސީން ކޯޓާތަކާ އެއްޗެހި ދޫކޮށްލައި، މަގުމައްޗަށް މީހުންތައް ގެނެސް، އަޅައިލި ވާހަކަތަކާ އެއްޗެހި މިހާރު އަޅުގަނޑުމެން ހަނދާންނެތަސް އޭރު ފެންނަން ހުންނާނެ." އަދުގެ ސަރުކާރުގައި ކުރަމުންދާ މަސައްކަތާއި އެމްޑީޕީގެ ސަރުކާރުގައި ކުރި މަަސައްކަތުގެ ތަފާތު ކިޔައިދެއްވަމުން ފައްޔާޒް ވިދާޅުވިއެވެ.
ދެ ސަރުކާރުގެ ތަފާތު ކިޔާދެއްވަމުން ފައްޔާޒު އިތުރަށް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ދައުރުގައި ނުކުރެވި ހުރި ކަމެއް ރައީސް މުޢިއްޒުގެ ސަރުކާރުގައި ކުރެވިފައި ހުރެދާނެ ކަމަށެވެ. އެއީ ދައުލަތެއް ނުވަތަ ސަރުކާރެއް އޮވެއްޖެއްޔާ ކަން ކަން ހިނގަމުންދާ ގޮތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.






ރިއެކްޓް