މުޢިއްޒަށް ވޯޓުދިން ރައްޔިތަކާ މިހާރު ދިމާނުވޭ: ފައްޔާޒް
ރައީސް މުއިއްޒަށް ރައްޔިތުންގެ ތެރޭގައި އިތުބާރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި މިހާރު ރައީސް މުޢިއްޒަށް ވޯޓު ދިން ރައްޔިތަކާއި ދިމާނުވާކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުމާއި ދިމާކޮށް "ވިރާސީ" އަށް ކުރު ބަސްދީގަތުމެއް ދެއްވަމުން އިދިކޮޅު ލީޑަރު ފައްޔާޒް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ, އިޖްތިމާޢީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި ދައުލަތުގެ މުޅި ނިޒާމު ރައިސް މުޢިއްޒު ފުނޑާލައްވައިފި ކަމަށެވެ އަދި މީގެ ސަބަބުން ރައީސް މުޢިއްޒަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި އޭގެ ހެއްކެއްގެ ގޮތުން ރައީސް މުޢިއްޒަށް ވޯޓު ދިން މީހަކާއި މިހާރު ދިމާނުވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"ދައުލަތުގެ މުޅި ނިޒާމު، މުޅިން މުޅިއެއްކޮށް މި އޮތީ ހަމަ ފުނޑުފުނޑުވެފައި އިނގޭތޯ. މިހާރު ރައީސް މުޢިއްޒު ދެން ރައްޔިތުންގެ އިތުބާރު އޮތް ކަމަކަށް އަޅުގަނޑަކަށެއް ނުފެނޭ އިނގޭތޯ. ކޮންމެހެން އިދިކޮޅު ލީޑަރު ވީމަ އަޅުގަނޑު މި ވާހަކަ ދަންނަވަނީކީ ނޫން. އަޅުގަނޑަކަށް މިހާރަކު ދިމައެއް ނުވޭ މުޢިއްޒަށް ވޯޓުލީ ރައްޔިތަކާ އިނގޭތޯ." ޤައުމު އޮތް ހާލަތު ސިފަކޮށްދެމުން ފައްޔާޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒުއަށް އިތުބާރު ގެއްލިފައި އޮތަށް ވެރިކަން ދަމަހައްޓަނީ ބިރުވެރިކަން އުފައްދައިގެން ކަމަށް ފައްޔާޒް ސިފަކުރެއްވިއެވެ. އެގޮތުން ރައީސް މުޢިއްޒު ވަނީ ޕްރައިވެޓް ސެކްޓަރ ފުނޑުފުނޑު ކޮށްލާފައި ކަމަށާއި އޭގެ ސަބަބުން ރައްޔިތުން ޢާމްދަނީ ހޯދުމަށް ބަރޯސާވާ ފަރާތަކީ ސަރުކާރާއި ސަރުކާރުގެ ވަޒީފާތައް ކަމަށް މިހާރު ވެފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"ޕްރައިވެޓް ސެކްޓަރެއް ފުނޑުފުނޑުވީމާ މި ވާ ގޮތަކީ، އާއްމު ރައްޔިތުން ދިރިތިބުމަށްޓަކައި އާމްދަނީއެއް ހޯދުމަށް ހަމައެކަނި ބަރޯސާވާން މި ޖެހެނީ ސަރުކާރުގެ މައްޗަށް. އެހެންވީމާ، އެގޮތުން ވަޒީފާތަކެއްގެ އުފައްދަވައިގެން، އެ ވަޒީފާ ގެއްލިދާނެކަމުގެ ބިރުވެރިކަމުގެ ރައްޔިތުން ތާށިވެފައި ތިބިކަން އަޅުގަނޑުމެންނަށް ފެންނަނީ." ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ބޭތިއްބުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ސިޔާސަތު ފައްޔާޒް ފާހަގަކުރެއްވިއެވެ.
ނަމަވެސް ކުރިއަށް އޮތް ތަނުގައި ވަޒާފަތަކުގައި ތިބި މުވައްޒަފުންނަށް ސަރުކާރުން މުސާރަ ދެވޭނެ ކަމާ މެދު ފައްޔާޒް ސުވާކު އުފެއްދެވިއެވެ.
"އަޅުގަނޑަކަށް ނުފެނޭ ވަޒީފާތައްވެސް މުސާރަ ކުރިއަށް އޮތް ތާނގައި ދެވޭނޭ ތަނެއް އިނގޭތޯ. އެއީ، ޓެކްސް ފައިސާއާއި ދައުލަތަށް ވަންނަ އާމްދަނީއަށް އަސަރުތަކެއް ކުރީމާ އެ ޚަރަދު ކުރެވޭނެ ގޮތެއް ނެތް. ޚަރަދެއް ކުޑައެއް ނުކުރެވުނު. އިޤްތިޞާދީ އެއްވެސް ކުރިއެރުމެއް އަންނާނެ ކަހަލަ ކަމެއް ނުކުރެވުނު. އެއްވެސް ރަށެއްގައި އެއްވެސް ކަހަލަ ރައްޔިތުންނަށް ފަސޭހަވާނެ މަސައްކަތްތަކެއް ނުކުރެވުނު. ރައްޔިތުން ބޭނުންވާ ތަރައްޤީގެ އެއްވެސް މަސައްކަތްތަކެއް ނުކުރެވުނު." ރައީސް މުޢިއްޒުގެ ސިޔާސަތުތައް ފެއިލް ވެފައިވާ ކަން ހެއްކާއެކު ދައްކަވަމުން ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ކަންތައްތަކަކީ އަދުގެ ސަރުކާރުގެ ހަޤީޤަތެވެ. ވަޒީފާގެ ބިރުވެރިކަމާއި ވިޔަފާރިތައް ބަނގުރޫޓު ވުމުގެ ބިރުވެރިކަމުގައި ރައްޔިތުން ތިބިކަން އެންމެ ފަހުން މިމަހުގެ 14 ވަނަ ދުވަހު ޕީއެންސީން ބޭއްވި ޖަލްސާއިން ވެސް އެނގިގެން ހިނގައްޖެއެވެ.






ރިއެކްޓް