ކޮލަމް

ކޮލަމް: ތިން ބާރަކީވެސް ސަރުކާރެވެ

17 ނޮވެންބަރު 2025 - 14:07
ކޮލަމް: ތިން ބާރަކީވެސް ސަރުކާރެވެ
އާޓްވޯކް: ވިރާސީ

ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތުމަކީ ޑިމޮކްރެޓިކް ބަދަލުތަކަށް ފެށި އިސްލާހީ ހަރަކާތުގެ އެންމެ ބޮޑު އެއް އަސާސެވެ. ރައްޔިތުން އެއްވެ އަޑު އުފުލަމުން ދިޔަ އެއް ވިސްނުމަކީ ތިން ބާރު ވަކިވެފައިވާ ދައުލަތެވެ. ލޮނުޒިޔާރަތްކޮޅު "ތިންބާރު ވަކިކުރާ ގާ" ދޮށަށް އެއްވަމުން ދިޔަ ރައްޔިތުން އެ ދުވަހު އެއްވީ މިއަދު މި ދެކޭ ތިންބާރު އެއްވެފައިވާ ނިޒާމް ތަޖުރިބާކުރާކަށް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް މުޅި ދައުލަތް ލެވޭގޮތް ނޫން ގޮތެއް ހޯދުމަށެވެ. ނަމަވެސް، އެ އިރަކު ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަކަށް މަޖްލީހުގެ ސާފު އަގުލަބިއްޔަތު އޮވެއްޖެ ނަމަ، މި ހިނގާ ނިޒާމުގައި ތިން ބާރަކީވެސް ސަރުކާރުކަމުގައި ވެގެންދެއެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ޖޭއެސްސީ ކޮމްޕޮޒިޝަން އޮންނަ ގޮތުން، ޖޭއެސްސީގެ ކޮންޓްރޯލް އަދިވެސް މި އޮތީ މިހާރުގެ މަޖްލީހުގެ މެޖޯރިޓީ އޮތް ބޭފުޅުންގެ އަތުގަ ބޭނުން ގޮތަކަށް. ޖޭއެސްސީގެ ރައީސަކީވެސް އެމްޑީޕީ ބޭފުޅެއް. މަޖްލީހުގެ ރައީސަކީ އެމްޑީޕީ ބޭފުޅެއް. މަޖްލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ. އަދި މަޖްލީހުގެ މެންބަރެއް ޖޭއެސްސީގައި ހުންނަވާނެ އެހެން ގޮސް އެމްޑީޕީގެ ފުލް ބާރު، ޖޭއެސްސީގެ ރައީސް އަމުދުން އިންނާތީ، އެ މީހުން އަތުގަ މި އޮންނަނީ"

މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިދިކޮޅުގައި ހުންނަވައި ދެއްކެވި ވާހަކަފުޅެވެ. ފަނޑިޔާރުގެ މިނިވަން ނުވެ އޮތް ސަބަބުތަކެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެ ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) މިނިވަންކުރަން މަސައްކަތްކޮށްފައި ނުވެއެވެ. އެމްޑީޕީގެ ވެރިކަމުގެ ދައުރު ހަމަވީ އެމްޑިޕީގެ އެންމެ ބޮޑު އެއް ވައުދު، ޖޭއެސްސީ މިނިވަންކުރުން، ފުރިހަމަ ނުކޮށެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ފަނޑިޔާރުގެ މިނިވަންކުރާނެ ކަމަށް އަޑު އުފުއްލަވަމުންނެވެ. ވެރިކަމަށް ވަޑައިގެން ދިވެހި ދިދަޔާ މުޚާތަބުކުރައްވައި ދެއްވި ޚިތާބުގައި ވިދާޅުވިއެވެ؛

"ސަރުކާރުން، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިންމުން. އެކަން މި ނިންމީ"

އަދި ރިޔާސީ ބަޔާނުގައި ކޯޓުތަކަށް ނުފޫޒު ފޯރުވުން ނިމުނީކަން ތަކުރާރުކުރެއްވިއެވެ. ނަމަވެސް، ރައްޔިތުންނަށް ފެނިގެން ދިޔައީ އެހެން މަންޒަރެކެވެ. ސުޕްރީމް ކޯޓަށް ސަރުކާރާއި ވެރިކަން ހިންގާ ޕާޓީގެ މަސްލަހަތު އޮތް މައްސަލައެއް ވެއްދިތަނެވެ. ސްޕްރީމް ކޯޓު އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ސަރުކާރުން ނަން ނުވެ މަޖިލީހަށް ބިލެއް ހުށަހެޅިތަނާއި ސްޕްރީމް ކޯޓުގެ އެއް ފަނޑިޔާރަކު އިސްތިއުފާދޭން ޖެހުނު ތަނާއި ބައެއް ފަނޑިޔާރުން ވަކިކުރިތަނެވެ. ދައުލަތުގެ އެންމެ މަތީ ކޯޓަށް ސަރުކާރުގެ ނުފޫޒު ތަންމިނަށް ވެއްދީއެވެ. ތިންބާރަކީވެސް ސަރުކާރުކަމުގައި ރައީސް މުޢިއްޒު އަމިއްލަފުޅަށް ހެދީއެވެ. 

ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ހާލަތު ދެރަވަރު ބަކަރި ކޮއްޓަކަށް ވުރެ ދެރައެވެ. އެ ތަނުގައި ހިޔާލުފާޅުކުރުމެއް ބަހުސްކުރުމެއްވެސް ނެތެވެ. ސަރުކާރުން ބިލްތައް ފޮނުވާ ގޮތަށް ރަބަރު އިސްޓޭންޕު ޖަހަމުންދަނީއެވެ. މެންބަރުންނަށް ވާހަކަ ދެއްކެނީ ސަރުކާރުން ފޮނުވާ ޓޯކިން ޕޮއިންޓްސްއަށެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް، ގުޅުންހުރި ދާއިރާތަކުގެ ކަންބޮޑުވުންތައް އަޑު އެހުމެއް ނެތެވެ. އާންމު ހިޔާލު ހުށަހަޅަން ބޮޑެތި ބިލްތަކުގައި އެންމެ 24 ގަޑިއިރު ދީފައި އެބަ ހުއްޓެވެ.

"ފެނިވަޑައިގަންނަވާނެ މިހާރު މަޖްލީސް ތެރެއިން ކަންކަން ކުރަމުންދާ ޣައިރު ޒިންމާދާރު ގޮތް. ބާރު އޮތީތީ، ތިމަންނަމެން އަތުގަ ގިނަ މެންބަރުންތަކެއް ތިބީތީ، ހަމަ ހިތުހުރިހާ ގޮތަކަށް، ކަންކަން ކުރާތަން ނޫންތޯ ފެނިވަޑައިގަންނަވަނީ"

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިދިކޮޅުގައި ހުންނަވާ ވިދާޅުވި ވާހަކަފުޅެވެ. ޣައިރު ޒިންމާދާރު ގޮތަށް، ބާރު އޮތަތީ، ގިނަ މެންބަރުންތަކެއް ތިބީތީ، ހަމަ ހިތުހުރިހާ ގޮތަކަށް ކަންކަން ކުރައްވަނީ ކޮން ބޭފުޅެއްތޯއެވެ؟ ދައުލަތުގެ ތިން ބާރަކީވެސް ތިމަން މަނިކުފާނުކަމުގައި، ސަރުކާރު ކަމުގައި ވެ ވަޑައިގަތީ އަމިއްލަފުޅަށެވެ. ދައުލަތުގެ ތިންބާރުވެސް ހިންގަމުން ދަނީ މުލީއާގޭ ތެރެއިންނެވެ. ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމުގައި ޤާނޫނު އަސާސީގައި ލިޔެފައިވީ ނަމަވެސް، ބާރުތައް ފެށިގެން އަންނަނީ މުލީއާގޭގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާގެ ކިބައިންނެވެ. ރައީސުލްޖުމްހޫރިއްޔާ ނޭދޭ ގޮތަކަށް ދައުލަތުގެ އެއްވެސް ބާރަކުން އަދި އިދާރާއަކުން، މުޢައްސަސާއަކުން ވިޔަސް އަމަލުކުރާކަށް ނުކުރެއެވެ.

ތިންބާރު ވަކިވެފައިވާ ދައުލަތަކީ ހިޔާލީ ފޮލާއެކެވެ. ދައުލަތުގެ ތިން ބާރަކީވެސް މަޖިލީހުގެ އަގުލަބިއްޔަތު އޮވެއްޖަމަ ނަމަ އެ އިރަކު ހުންނަވާ ރައީސުލްޖުމްހޫރިއްޔާއެވެ. ސަރުކާރެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0