ޕާޓީން ވަކިކުރިޔަސް މެންބަރުންގެ ގޮނޑި ގެއްލޭނީ ރައްޔިތުންގެ ވޯޓަކުން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަމްސީލުކުރައްވާ ޕާޓީން ވަކިކުރިޔަސް އެ މެންބަރެއްގެ މެންބަރުކަން ގެއްލޭނީ އެ ދާއިރާއެއްގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކުން ކަމަށް ކަނޑައެޅުމަށް ޤާނޫނު އަސާސީއަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރަކު ކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަށް އިތުރު އިޖުރާއަތެއް އިތުރުކުރުމެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތަމްސީލުކުރައްވާ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފިނަމަ މެންބަރުކަން ގެއްލުން ކަނޑައަޅާނީ އެ ދާއިރާއެއްގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކުން ކަމަށް ބުނެފައިވެއެވެ.
އަދި ޚިޔާލު ހޯދުމުގެ ވޯޓުން އެ މެންބަރުގެ ގޮނޑި ނުގެއްލޭނެ ކަމަށް ރައްޔިތުން ނިންމައިފި ނަމަ, އެ މެންބަރެއްގެ މެންބަރުކަން ނުގެއްލޭނެ ކަމަށާއި, ނަމަވެސް ދައުރުގެ ބާކީ މުއްދަތު އެ މެންބަރު ހުންނަންޖެހޭނީ އެއްވެސް ޕާޓީއަކާއި ނުގުޅި ކަމަށް މި އިސްލާހުގައި ބުނެފައިވެއެވެ. ނަމަވެސް އެ މެންބަރު އެހެން ސިޔާސީ ޕާޓީއަކާއި ގުޅިއްޖެ ނަމަ މެންބަރުކަން ގެއްލޭނެ ކަމަށްވެސް މި އިސްލާހުގައި ބުނެފައިވެއެވެ.






ރިއެކްޓް