ސަރުކާރާ ދެކޮޅަށް ބަޔަކު އެއްވާ ތަނެއް ނުފެނޭ: ރައީސް މުޢިއްޒު
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ތައްމިނަށް ހުޅުވާލާފައިވާ ކަމަށާއި ނަމަވެސް އެއްވެސް ބަޔަކު ސަރުކާރާއި ދެކޮޅަށް އެއްވާތަނެއް ނުފެންނަ ކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ ހަރަކާތް ހިންގުމަށް މީހުން އެއްވާން ކުރިން އޮންނަނީ އެންމެ ސަރަހައްދެއް ކަމަށާއި މި ސަރުކާރުން އިތުރު ހަތަރު ތަނެއް އެއަށް އިތުރުކޮށްފައިވީ ނަމަވެސް ސަރުކާރާއި ދެކޮޅު ސިޔާސީ ހަރަކާތް ހިންގުމަށް ބަޔަކު ތަނަކަށް އެއްވާ ތަނެއް ނުފެންނަ ކަމަށެވެ.
"މި ސަރުކާރުން ހަތަރު ފަސް ތަނެއް އިތުރުކޮށްދީފައި އޮންނާނެ އެއްވެސް ހުއްދައެއް ނުނަގައި އެއްވާން. އެއްވާ ތަނެއް ނުފެނޭ. ހަމަ އެއްވާން ވީ ނޫންތޯ. ކޮންމެ ރެއަކުވެސް އެއްވާންވީއޭ. ކާކުތޯ ހުއްޓުވަނީ އެއްވާން. ހަމަ އެއްވާން ވީ ނޫންތޯ." ސަރުކާރާއި ދެކޮޅަށް ޚިޔާލުފާޅުކުރަން އެއްވެސް ބަޔަކު އެއްވެ ނޫޅޭކަން ދެއްކުމުގެ ގޮތުން ރައީސް ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވި ނަމަވެސް މާލޭގައި އިދިކޮޅު ސިޔާސީ ހަރަކާތްތައް ބާއްވައެވެ. މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އެމްޑީޕީން ވަނީ މާލޭގައި ބޮޑު އިދިކޮޅު ހަރަކާތެއް ބާއްވާފައެވެ. އޭގެ ކުރިން ރައީސް ޔާމީންގެ ޕީއެންއެފް އިންވެސް ވަނީ މާލޭގައި ބޮޑު ސިޔާސީ ހަރަކާތެއް ބާއްވާފައެވެ.
މިރޭގެ ޖަލްސާއަށް 13000 މީހުން އައި ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.






ރިއެކްޓް