ޚަބަރު

މިލިއަނުން ހަރަދުކޮށް މީހުން ޖަމާކޮށްގެން ރައީސް ބޭނުންފުޅުވަނީ ރެކޯޑު ހަދަން

13 ނޮވެންބަރު 2025 - 19:30
މިލިއަނުން ހަރަދުކޮށް މީހުން ޖަމާކޮށްގެން ރައީސް ބޭނުންފުޅުވަނީ ރެކޯޑު ހަދަން
ފޮޓޯ: ޕީއެންސީ ސޯޝަލް މީޑިއާ

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން މާދަމާ ރޭ ބޮޑު ޖަލްސާއަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން މާލެއަށް މީހުން ޖަމާކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރެކޯޑު ހައްދަވަން ބޭނުންފުޅުވާތީ ކަން އެނގިއްޖެއެވެ. 

މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ކުރިއަށްދާ ޖަލްސާގެ ތައްޔާރީތައް މީގެ މަހެއްހާ ދުވަސް ކުރިން ވަނީ ފަށައިފައެވެ. އެކަމަށް ސަރުކާރަށް ތާއީދުކުރާ ފިލްސްޓާރުން ބޭނުންކޮށްގެން އިސްތިހާރުތައް ކުރާތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ. 

މާދަމާގެ ރޭގެ ބައްދަލުވުމަށް މިއަދު ގިނަ އަދަދެއްގެ ބަޔަކު ވަނީ މާލެ އައިސްފައެވެ. މަޖިލިސް މެންބަރުންނާއި ސިޔާސީ މަގާމުތަކުގައި ތިބި މީހުން އަންނަނީ އަތޮޅުތެރެއިން އަންނަ އެ ސަޕޯޓަރުންނަށް އެއާޕޯޓުންނާއި ޕީއެންސީ އޮފީސް ސަރަހައްދުން މަރުހަބާ ކިޔަމުންނެވެ. އެ މީހުން އެއާޕޯޓުން ހަރުގެއަށް އުފުލައިދެނީ އެމްޓީސީސީ ބަހުގައެވެ. 

މުޒާހަރާއަށް މީހުން ގެނައުމުގެ ހުރިހާ ހަރަދެއް ކުރަނީ ޕާޓީއިންނާއި މެންބަރުން ކަން ވަނީ އެނގިފައެވެ. އެގޮތުން ފްލައިޓުތައް ޗާޓަރުކޮށް ކަނޑުދަތުރުކުރާ ލޯންޗު ފަހަރު ވެސް ވަނީ މީހުން މާލެ ގެނައުމަށް ކުއްޔަށް ނަގައިފައެވެ.

ޖަލްސާއަށް މާލެ އައި ދެކުނު އަތޮޅެއްގެ ފެނަކައިގައި މަސައްކަތް ކުރާ މުވައްފަކު ބުނި ގޮތުގައި މާލެ އައީ ވަޒީފާގެ ބިރަށް އިތުރު ގޮތެއް ނެތިގެންނެވެ. ޓިކެޓާއި ހުރުމުގެ ހަރަދުގެ އިތުރުން މާލޭގައި ހުންނަ މުއްދަތަށް ޕޮކެޓް މަނީ ވެސް ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

"ވިރާސީ" އަށް އެނގިފައިވާ ގޮތުގައި ޖަލްސާއަށް މިހާ ބޮޑު ހަރަދެއް ކޮށްގެން ގިނަ ބަޔަކު ޖަލްސާއަށް ޖަމާކުރަނީ ރެކޯޑެއް ހެދުމުގެ ބޭނުމުގައެވެ. ރައީސްގެ އަރިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ރައީސް ބޭނުންފުޅުވަނީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއްވުމަށް މި ޖަލްސާ ހެދުމަށެވެ. 

ގައުމުގެ އިގްތިސޯދު ނާޒުކު ހާލަތެއްގައި އޮތް މިވަގުތު ސަރުކާރުން މިހާ ބޮޑު ހަރަދެއް ކޮށްގެން ޖަލްސާއެއް ބާއްވައި ފޮޓޯގަނޑަކަށް މިހާ ވަރަށް މަސައްކަތް ކުރާތީ ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

މީގެ ކުރިން ވެސް ރެކޯޑު ހެދުމުގެ ބޭނުމުގައި ސަރުކާރުން ވަނީ ގިނަ ކަންކަން ކޮށްފައެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0