ސިޔާސީ , ޚަބަރު

ފެއިލް ވެފައިވާ ރަސްމާލެ މަޝްރޫޢު ރައީސް ބައްލަވާލައްވައިފި

12 ނޮވެންބަރު 2025 - 20:47
ފެއިލް ވެފައިވާ ރަސްމާލެ މަޝްރޫޢު ރައީސް ބައްލަވާލައްވައިފި
ފޮޓޯ: ރައީސް އޮފީސް

ފެއިލްވެފައިވާ ކަމަށް ގިނަ ބަޔަކު ޤަބޫލުުރާ ރައީސް މުޢިއްޒުގެ "ރަސްމާލެ" މަޝްރޫޢު ބައްލަވާލެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަވީރު ފުށިދިއްގަރު ފަޅު ސަރަހައްދަށް ވަޑައިގެންފިއެވެ.

2023 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހު ހިއްކުމުގެ މަސައްކަތް ފެށި މި މަޝްރޫޢުގައި މިހާތަނަށް ހިއްކުނީ ކަނޑައަޅާފައިވާ ބިމުގެ ސައިޒުގެ %20 އަށް ވުރެ ކުޑަ ސަރަހައްދެކެވެ.

ރައީސް މުޢިއްޒު ހިންގަވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢުގެ މަސައްކަތް ފެށިތާ 2 އަހަރު ވާން ގާތްވެފައިވާއިރު، ފުރަތަމަ ވިދާޅުވި މުއްދަތުގައި މަސައްކަތް ނުނިމުމުން މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. 

ދައުލަތުން އެންމެ ފައިސާ ފޮއްޗެއްވެސް ޚަރަދުނުވާނެކަމަށް ރައީސް ވިދާޅުވި މި މަޝްރޫޢަށް އެތައް މިލިއަން ރުފިޔާއެއް މިހާތަނަށް ހޭދަކޮށްފައިވާއިރު, މި މަސައްކަތަށް ޚާއްސަކޮށް ސަރުކާރުން ވަނީ ލޯނު ހޯދަންވެސް މަސައްކަތް ކޮށްފައެވެ. 

ރައީސް މިއަދު ރަސްމާލެ ސަރަހައްދަށް ވަޑައިގަތީ އާދައިގެމަތީން "ބޮޑު" ވަފުދަކާއިގެންނެވެ. ރައީސް ވަޑައިގަންނަވަން ވާއިރަށް އެ ސަރަހައްދަށް 3 ހައިމާކު ގެންގޮސްފައި އޮތެވެ. އަދި މި ހައިމާކުތަކުން އެގަޑީގައި އެ ސަރަހައްދުގައި "ހިއްކުމުގެ މަސައްކަތް" ކުރަމުން ގެންދެވިއެވެ.

ރަސްމާލެ ހިއްކުމަށް ފުރަތަމަ ހަވާލުކުރި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އަށް އެ މަސައްކަތް ނުވުމުން ފަހުން އެ މަސައްކަތް ހަވާލުކުރީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އަދި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އަދި ސީއެޗްއީސީ އާ އެވެ.

އަދި މީގެ އިތުރުން އެމްއޭސީއެލް އިން ރަސްމާލެ ހިއްކުމަށް ވަކިން ޚާއްސަ ކުންފުންޏެއް ހަދާފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ނަމަވެސް އަދި މިހާތަނަށް މި ކުންފުންޏާއި އެ މަސައްކަތް ހަވާލުކޮށްފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0