ސަރުކާރުން ބުނި މުއްދަތަށް ފުވައްމުލަކަށް ފެން ފޯރުކޮށްނުދެވުނު
ފަސްގަޑިއިރު ތެރޭގައި ފުވައްމުލަކު ސިޓީއަށް ފެން ފޯރުކޮށްދެވޭނެ ކަމަށް ސަރުކާރުން އިއްުޔެ ބުނިނަމަވެސް، އެ މުއްދަތަށް ފެން ދޫކުރެވިފައިނުވާ ކަން އެނގިއްޖެއެވެ.
ފުވައްމުލަކު ފެނަށް ޖެހިފައިވަނީ ފެން ސަޕްލައި ތަގައްޔަރުވެ، ބޭނުން ނުކުރެވޭ ވަރު ވުމުންނެވެ. މިއަދަށް ދެ ދުވަސް ވާން ކައިރިވާއިރު، މިހާތަނަށް ވެސް އެ ރަށުގެ ރައްޔިތުންނަށް ފެން ނުލިބެ އެވެ.
މި މައްސަލަ ބޮޑުވުމުން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އިއްޔެ މެންދުރުފަހު ވިދާޅުވީ، ކުރިއަށް އޮތް ހަ ގަޑިއިރެއްހާ އިރު ތެރޭގައި އެ މައްސަލަ ހައްލުވާނެ ކަަމަށެވެ. އެ ހަ ގަޑިއިރު ހަމަވެފައިވަނީ ރޭ 9 ޖެހިއިރަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މިންގަނޑުތަކާ އެއްގޮތަށް ފެން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝް ކުރުމުގެ މަސައްކަތް ފެނަކައިން އަންނަނީ ކުރަމުންނެވެ.
ފެން ދޫކުރުމުގެ މަސައްކަތުގެ ތެރެއިން މިއަދު 12ގެ ފަހުން ބައެއް ސަރަހައްދުތަކަށް ފެނުގެ ހިދުމަތް ދޭނެ ކަމަށް ފެނަކައިން އިއުލާނުކޮށްފައި އޮތްނަމަވެސް, އެ ފެން އެއްވެސް ކަމަކަށް ބޭނުން ނުކުރުމަށް ފެނަކައިން އެދެއެވެ. އަދި އެ މުއްދަތުގައި ވޯޓާ ޕިއުރިފަޔާތައް ވެސް އޮފް ކޮށްލުމަށް އެދެއެވެ.






ރިއެކްޓް