ތަނަވަސް މީހުންނަށް އާސަންދައާއި އެލަވަންސްތައް އުވާލަން ގޮވާލައިފި
ހަރަދު ކުޑަކުރުމުގެ ގޮތުން އާސަންދައާއި ދޮށީ އުމުރުގެ މީހުންނަށް ދޭ އެލަވަންސް، މުއްސަނދިންނާއި ތަނަވަސް މީހުންނަށް ދިނުން ހުއްޓާލަން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ގޮވާލައިފި އެވެ.
ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން ސަލީމް މިއަދު ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ގިނަ ކަންކަން ގުޅިފައި ހުރީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކާ ކަމަށެވެ. އޭގެއިން ކޮންމެ ކަމެއް މަދު ކުރި ނަމަވެސް ގޯސް ވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.
"ހުރިހާ ކަމެއް މިދަނީ ސަރުކާރުން ހިލޭ ކޮށްދެމުން، އެކަންކަން ކިހިނެއްތޯ އަޅުގަނޑުމެން އަނބުރާ ގެންނާނީ. ގެނެސްގެން ވެސް ހިތްހަމައެއް ނުޖެހޭނެއްނު، ގެނެވޭކަށް ވެސް ނެތް. ދެން ކިހިނެއްތޯ،" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ހަރަދު ކުޑަކުރެވެން އޮތީ މި އިނާޔަތްތަކާއި ހިލޭ ދޭ އެެހީތައް ކަނޑާލައިގެން ކަމަށާއި އެހެންނަމަވެސް ވޭތުވެދިޔަ ސަރުކާރުތަކުން އެކަންކަން ކޮށްފައި އޮތީ ހަރަދު ކުޑަކުރެވޭނެ ގޮތަކަށް ނޫން ކަމަށެވެ. ސަލީމް ވަނީ ހަރަދު ބޮޑުވަނީ މިފަދަ ކަންކަމާ ގުޅިގެން ކަމަށް ވިދާޅުވެފައެވެ.
ވިޔަފާރިވެރިޔާ ސަލީމް އިތުރަށް ވިދާޅުވީ އެހެންނަމަވެސް މިއީ މުއްސަނދިންނަށް ދޭން ޖެހޭ ހިދުމަތްތަކެއް ނޫން ކަމަށާއި އެ މީހުންނަށް އެ ހިދުމަތް ކަނޑާލަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ބަދަލުގައި އެ މީހުންގެ އަތުން ޒަކާތް ނަގަން ޖެހޭ ކަމަށެވެ.






ރިއެކްޓް