ފާޑުކިޔުންތަކާއެކު ބޭންކުން ބުނީ 2.7 ބިލިއަންގެ ލޯނު ދެނީ އުސޫލުގެ ތެރެއިން ކަމަށް
އާންމުކޮށް ބިޑަށް ހުޅުވާނުލައި ސަރުކާރުގެ މެންބަރުންނާއި ގާތް މީހުންނަށް ބަހާލި 206 ޕްރޮޖެކްޓު ހިންގަން ލޯނު ދޫކުރާނީ އުސޫލުގެ ތެރެއިން ކަމަށް ބުނެ ބޭންކް އޮފް މޯލްޑިވްސް އިން ދިފާއަށް ނިކުމެއްޖެ އެވެ.
އާންމުކޮށް އިއުލާން ނުކޮށް، ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުން، 53 އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މި މަޝްރޫއުތަކުގެ އަގަކީ 2.7 ބިލިއަން ރުފިޔާއެވެ.
މި ފައިސާ ދޫކުރީ ބީއެމްއެލްގެ ބޯޑުން ފާސްކުރުމެއް ނެތި ކަމަށް ބުނެ, ބޭންކަށް ބޮޑެތި ފާޑުކިޔުންތަކެއް އޮތީ އަމާޒުވެފަ އެވެ.
ލޯނު ދިނީ އުސޫލާ ހިލާފަށް ކަމަށް ބުނާ ވާހަކަތައް ދޮގުކޮށް, ބީއެމްއެލުން މިއަދު ނެރުނު ބަޔާާނުގައި ބުނީ ބޭންކުން ހިފަހައްޓަމުން އަންނަ ކޯޕަރޭޓް ގަވާނަންސާއި ބައިނަލްއަގްވާމީ މިންގަނޑުތަކުން, ބޭންކުގެ ބޯޑާއި މެނޭޖްމަންޓް މަސައްކަތްކުރަނީ ފުރިހަމަ ޕްރޫޑެންސާއި މިނިވަންކަމާ އެކުގައި ކަން ހާމަވާނެ ކަމަށެވެ.
ބީއެމްއެލް ހިންގަމުން އަންނަނީ ބޭންކުގެ ބޯޑުން ފާސްކުރާ ސިޔާސަތުގެ މައްޗަށް އަދި ހިންގުމުގެ އެކި ދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީތަކާ އެއްގޮތަށް ބޯޑުން ނިންމާ ނިންމުމާއި ދޭ ލަފަ އާއި އިރުޝާދުގެ ދަށުން ކަމަށައި 2.7 ބިލިއަންގެ ލޯނު ވެސް ދޫކުރީ ކޮންމެ ހާލަތެއްގައި ވެސް ބޭންކުން ލޯނު ދޫކުރާނެ އުސޫލުން ކަމަށް ބޭންކުން ބުނެފައިވެއެވެ.
ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުން ކަމަށްވާ ނަމަ ބޭންކުން މިހާރު ވެސް އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އެ ފަރާތްތަކަށް ވެސް އޮންނާނެ ކަމަށާއި ޔަފާރީގެ އުސޫލުން މި ލޯނުތައް ދޫކުރުމުގައި ވެސް ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ އެންމެހާ ކަންކަމަށް ބަލާނެ ކަމަށް ވެސް ބުނެފައިވެއެވެ.






ރިއެކްޓް