އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ހަތަރު ކުޅިވަރަކުން ރާއްޖޭގެ 49 އެތްލީޓުން
ހަ ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ކުލަގަދަ ރަސްމިޔާތަކަށްފަހު މުބާރާތް ހުޅުވައިފި އެވެ. 7 ނޮވެމްބަރ 2025 ވީ ހުކުރު ދުވަހުރޭ ބޭއްވި މި ރަސްމިޔާތުގައިވަނީ އެންމެ ފުރަތަމަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ސައުދީ އަރަބިއްޔާގައި ބޭއްވި އިރުގެ އުސްއަލިތަކެއް ދައްކާލެވިފައި އެވެ. މި މުބާރާތުގައި ހަތަރު ކުޅިވަރަކުން ރާއްޖޭގެ 49 އެތްލީޓުން ބައިވެރިވާނެ އެވެ.
މި އަހަރުގެ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާލާފައިވަނީ އެންމެ ފަހުގެ ގައުމީ ޓީޓީ ޗެމްޕިއަން އައިޝަތު ރަފާ ނާޒިމް އަދި ގައުމީ ސީނިއާ ފެތުންތެރިޔާ އިމްއާން އަލީ އެވެ. ރަފާ އަދި އިމްއާން މީގެ ކުރިންވަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް، ގިނަ ކާމިޔާބީ ތަކެއްވެސް ހޯދައިފައި އެވެ. މިއީ މި ދެ އެތުލީޓުން މިފަދަ ބޮޑު ގޭމްސްއެއްގައި ދިދަ އުފުލާލި ފުރަތަމަ ފަހަރު އެވެ.
ރޭގައި ފެށިގެންދިޔަ ހަ ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ވާދަކުރާނީ ސްވިމިންގް، ޓޭބަލް ޓެނިސް، ހޭންޑްބޯލް، އެތުލެޓިކްސްގައި އެވެ. ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަން އަކީ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އަދި ޑެޕިއުޓީ ޗެފް ޑި މިޝަންއަކީ މަރިޔަމް ޝައުފާ އެވެ.
އެންމެ ފަހުން، 2022 ވަނަ އަހަރު ތުރުކީގެ ކޮންޏާގައި ބޭއްވުނު އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި، ރާއްޖެއިން، ވާދަކުރީ ހަތަރު ކުޅިވަރެއްގަ. އެއީ، ޓޭބަލް ޓެނިސް، ސްވިމިން، ބާސްކެޓްބޯޅަ 3x3 އަދި އެތުލެޓިކްސް އެވެ. އެ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމް ވަނީ ލޯ މެޑަލް ހޯދާފައި އެވެ.






ރިއެކްޓް