ކޮލަމް

ރައްޔިތުންނަށް ގަރުދިޔައާ ބަތެވެ. ވެރިންނަށް ސިޔާސީ އިސްރާފާއި މުއްސަނދިކަމެވެ.

5 ނޮވެންބަރު 2025 - 11:21
ރައްޔިތުންނަށް ގަރުދިޔައާ ބަތެވެ. ވެރިންނަށް ސިޔާސީ އިސްރާފާއި މުއްސަނދިކަމެވެ.

ހާލަތަކީ އިޤްތިޞާދީ ދައްޗެވެ.

އާންމު ރައްޔިތުން ކާންވީ ގަރުދިޔައާ ބަތެވެ.

ސަރުކާރަށް ވާންވީ ކިޔަމަންތެރިއެވެ.

ކުރަންވީ އިހުތިރާމެވެ.

އެއީ ގައުމިއްޔަތުކަމުގައި އެވެރިން ބުނެއެވެ. 

މި އައި އިޤްތިޞާދީ ދަތީގައި އާންމު ރައްޔިތުން ގަރުދިޔައާއި ބަތަށް ތިރިވެލަން މި ރާއްޖޭ ސަރުކާރު ވެރިޔަކު ވިދާޅުވިއެވެ. އާންމުގޮތެއްގައި ދިވެހީންގެ ކެއުމަކީވެސް ގަރުދިޔައާއި ބަތެވެ. ގަރުދިޔައާއި ބަތަށް ވުރެ ތިރިވެލާ ނަމަ ދެން ކާން ޖެހޭނީ ބޮޑުތަދުގައި ކެއި ފަދަ ތަކެއްޗެވެ. ގައުމުގެ އިޤްތިޞާދު ހަމަޔަކަށް އަޅުވަން އެ ވަރުގެ ގުރުބާނީއެއްވާން ރައްޔިތުން ތިބީ ތައްޔާރަށެވެ. ދައުލަތުގެ ދަރަނި ނުދެއްކިދާނެތީ، ޓެމޫން ދެ ޑޮލަރަށް ގަނެދޭ ފައިވާނާ ހެނދުން ނުގަނެދޭތާވެސް ހައެއްކަމަސް ވެއްޖެއެވެ. ނުކިޔަމަންތެރިކަމެއް، ދެކޮޅުވެރިކަމެއް ނެތިއެވެ.

ދަތީގެ އަސަރު އެންމެ ބޮޑަށް ކުރަމުންދިޔައީ  ޚަބަރު ގަޑިއަށް ޓީވީ ބުޑުގައި އިންނަ ދޮންއައިސައަށެވެ. ފިރި މޫސާފުޅަށެވެ. ސިވިލް ސާވިސް ވަޒީގާފައި އުޅޭ އެގޭ ހުސޭނަށެވެ. ރިސޯޓުގައި މަސައްކަތްކުރާ އެގޭ ހަސަނަށެވެ. ކެތްތެރިކަން ކޮޅުންލީ އާންމު ރައްޔިތުންނެވެ. ހަރަދުތައް ހަމަ ނުޖެއްސި އުޅޭ ދެމަފިރިންނެވެ. ދަރިފުޅަށް ކިރުދަޅު ގަނެ ނުދެވުނު މައިމީހާއެވެ. ގޭ ކުލި ދައްކާނެ ގޮތެއް ނެތި އޮންލައިންކޮށް ތަކެތި ވިއްކަމުން އަމިއްލަ ވަޒީފާއަށް ދާ ސިވިލް ސާވިސް ކުއްޖާއެވެ. ދަތިވީ އެމީހުންނަށެވެ. އެންމެ އާދައިގެ މީހާއަށެވެ. އާންމު ކުދި ވިޔަފާރިތަކަށެވެ. މެދު ފަންތީގެ ވިޔަފާރިތަކަށެވެ. ދަށްވީ ފަރުދީ ތަނަވަސްކަމެވެ. މަތިވީ ސިޔާސީ ހޭދައާއި ވެރީންގެ މުއްސަނދިކަމެވެ.

"9.4 މިލިއަނަށް މެންބަރު ޝުޖާއު ހުޅުމާލެއިން ބިމެއް ގަނެފި"

"ހުޅުމާލޭގެ ބިމެއް 28.7 މިލިއަނަށް ފަލާހް ބައްލަވައިގެންފި"

"ސިޔާސީ މުވައްޒަފުންގެ މުސާރައަކީ ބަޖެޓުގެ %1"

"އެމްބަސީތަކަށް މަހަކު 32 މިލިއަން" 

މިއީ ޚަބަރުތަކުގެ ސުރުހީތަކެވެ. ގައުމުގެ އިޤްޞާދު އޮތީ ހަރަދުކުޑަނުކޮށްފި ނަމަ ބަނގުރޫޓްވާ ހިސާބުގައި ކަމަށް ސަރުކާރުން ބުނެއެވެ. އާންމުން ހަރަދުކުޑަކުރަން ޖެހޭކަމަށް ބުނެއެވެ. ނަމަވެސް، ވެރިކަމަށް އައިތާ ދޮޅު އަހަރު ތެރޭ ވެރިން ދެމިލައިފިއެވެ. ލަގްޒަރީ އެޕާރޓްމަންޓްތައް ގަނެފިއެވެ. ވެރިންގެ އަމިއްލަ ވިޔަފާރިތައް ކުރިލައި ހެދެން ފަށައިފިއެވެ. އިއްޔެ ފެން ފައިވާނުގައި އުޅުނު މީހުން މިއަދު އެޅެމުންދަނީ ލަގްޒަރީ ދިރިއުޅުމެވެ. މަގާމާއި މުސާރައާ ނުބައްދަލު ބޮޑު ތަނަވަސްކަމުގައެވެ. ސަރުކާރުގެ ހަރަދު އެންމެ ތަންކޮޅެއްވެސް ކުޑަ ނުވިއެވެ. ސިޔާސީ ހޭދަ އިންތިހާއަށް ބޮޑުވިއެވެ.

ދައުލަތުގެ ބަޖެޓުގެ %1 ހޭދަކުރަމުންދަނީ ސިޔާސީ މުވައްޒަފުންގެ މުސާރައަށެވެ. ސިޔާސީ މުވައްޒަފުންގެ މުސާރައަށް 120 މިލިއަން ރުފިޔާ ހޭދަކުރާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެއީ މަހަކު 10 މިލިއަން ރުފިޔާއެވެ. ހާމަކޮށްފައިވާ ހިސާބުތަކުން ސިޔާސީ މުވައްޒަފުންގެ އަދަދު 1،200 އަށް ވުރެ މައްޗެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސިޔާސީ ގޮތުން ނަގަމުންދާ މުވައްޒަފުން ނުހިމަނައެވެ. ގަރުދިޔައާ ބަތާ ކައިގެން ހަރަދު ކުޑަކުރަންވީ އާންމު ރައްޔިތުންނެވެ. 

ބޭރުގެ ގައުމުތަކުގައި ގާއިމުކޮށްފައިވާ ދިވެހި ރާއްޖޭގެ އެމްބަސީތަކަށް އެވްރެޖްކޮށް މަހަކު 32 މިލިއަން ރުފިޔާ ހަރަދުކުރާކަން ފޮރިން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި އަހަރުގެ މިހާތަނަށް އެމްބަސީތަކުގެ މުވައްޒަފުންގެ މުސާރައަށް 74 މިލިއަން ރުފިޔާ ހޭދަކޮށްފިއެވެ. އިޤްތިޞާދީ ބޮޑު ދަތީގައި އޮތް ގައުމަކުން މިވަރުގެ ބޮޑު އިސްރާފެއް ކުރަމުންދާ އިރު، ހަރަދު ކުޑަކުރަންވީ އާންމު ރައްޔިތުންނެވެ. ސަރުކާރުގެ އިސްރާފު ކުޑަކުރާ ވާހަކަ ދައްކާ މީހާ ވަނީ ކުށްވެރިއަކަށެވެ.

ސަރުކާރުގެ ސިޔާސީ މި ބޮޑު އިސްރާފާއި ކޮރަޕްޝަންގެ ހަބަރުތައް ބަލަން އިން ދޮންއައިސައާއި މޫސާފުޅު ބުންޏެވެ؛

"އަހަރުމެން ކައިރީ ގަރުދިޔައާ ބަތް ކާން ބުނެފައި މިވެރިން ލޫޓުވަނީ މުޅި ދައުލަތްތާއެވެ" 

އާއެކެވެ. އެވެރިން ލޫޓުވަމުން ދަނީ މުޅި ދައުލަތެވެ. ކުރަމުންދަނީ ސިޔާސީ އިސްރާފެވެ.

ސިޔާސީ އިސްރާފު އިންތިހާއަށް ބޮޑު އިރު، ކޮރަޕްޝަނުގެ ތެރެއިން ދައުލަތަށް ގެއްލުނު މިންވަރު ބޮޑެވެ. އާޓާމިނަލް ހުޅުވުމުގެ ރަސްމިޔާތަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރިކަން ނުރަސްމީ ހިސާބުތައް ބުނެއެވެ. ރަށްރަށުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޮޑު އަގުގައި ދީގެން ދައުލަތަށް ގެއްލޭ ފައިސާގެ މިންވަރަކީވެސް ބޮޑު އިސްރާފެކެވެ. އެ ފައިސާ ދެން ވަންނާނީ މެންބަރެއްގެ ނުވަތަ ވެރިކަން ކުރާ ޕާރޓީއަށް ހަރަދުކުރާ ފަރާތެއްގެ އެކައުންޓަށެވެ. އާންމު މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓްވަމުންދަނީއެވެ. އާންމު ފުދުންތެރިކަން މިހައި ދަށް ދުވަސްވަރެއް ނާދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0