ފެނަކައިން ގެނައި ކޭބަލްތަކަށް ފައިސާ ނުދެއްކުމުން އަނބުރާ ފޮނުވާލަނީ
ފެނަކަ ކޯޕަރޭޝަނުން ބަޔަކާ ހަވާލުކޮށްގެން ރާއްޖެ ގެނެސްފައި ހުރި ކަރަންޓު ކޭބަލްތަކަކަށް ފައިސާ ދައްކާފައިނުވާތީ އެ ތަކެތި އަނބުރާ ފޮނުވާލުމަށް ކޯޓުން އަމުރު ކޮށްފި އެވެ.
ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ އަލްފާ އެނާޖީ ސޮލިއުޝަންސް އާ ހަވާލުކޮށްގެން ފެނަކައިން ގެނެސްފައި ހުރި ކަރަންޓު ކޭބަލްތަކެއް ފޮނުވާލުމަށެވެ. ފެނަކައިން އެ ކުންފުންޏާ ހަވާލުކޮށްގެން މުދާ ގެނައުމަށް ފަހު, ފައިސާ ނުދީ އެއްބަސްވުން ބާތިލްކުރުމުގެ ސަބަބުން މައްސަލަ އޮތީ ކޯޓުގަ އެވެ. މުދާ އަނބުރާ ގެންދެވިފައި ނެތީ އެކަމަށް ފެނަކައިން ދޭން ޖެހޭ ހުއްދަ ނުދިނުމުގެ ސަބަބުންނެވެ.
އަލްފާ އެނާޖީން ކޯޓުގައި އެދިފައިވަނީ ރާއްޖެ ގެނައި މުދާ ކްލިއާ ނުކޮށް ހުރުމުގެ ސަބަބުން ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާއަކީ ފެނަކައަށް ބުރައެއް ކަމަށާއި އެ ކުންފުންޏަށް ގެއްލުމަށް ކަމަށް ކަނޑައަޅައިދީ އެއްބަސްވި ގޮތަށް ފައިސާ ދިނުމަށެވެ.
ކޯޓުން ނިންމާފައިވަނީ އަލްފާއަށް ދީފައިވާ އެޑްވާންސް ފައިސާ އާ ޖޫރިމަނާތައް އެ ކުންފުނިން ދެއްކުމަށެވެ.
ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ އަލްފާއިން ރާއްޖޭގެ އެއްވެސް މުއައްސަސާއަކަށް ދައްކަން ޖެހޭ ފީއެއް ތިން ދުވަސް ތެރޭގައި ދައްކާތާ ތިން ދުވަސްތެރޭގައި މުދާ އަނބުރާ ގެންދިއުމުގެ ހުރިހާ ކަމެއް ކުރުމަށް އެމްޕީއެލާއި ކަސްޓަމްސްގެ މައްޗަށް އަމުރުކޮށްފަ އެވެ.






ރިއެކްޓް