ޕީއެންއެފުން އަނެއްކާވެސް ބޮޑު ޖަލްސާއެއް ބާއްވަނީ
ސަރުކާރާއި އިދިކޮޅު ހަރަކާތްތައް ހުއްޓުމެއްނެތި ބާއްވަމުން ގެންދާ ރައީސް ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް އިޢުލާންކޮށްފިއެވެ.
އާޓިފިޝަލް ބީޗުގައި މާދަމާރޭ އޮންނަ މި ޖަލްސާއަކީ "ޤައުމީ ޖަލްސާ 2025" ގެ ނަމުގައި ބާއްވާ ޖަލްސާއެކެވެ.
ޕީއެންއެފުން ވަނީ މީގެ ކުރިން މިއަހަރުގެ އޯގަސްޓްމަހުވެސް މިފަދަ ބޮޑު ޖަލްސާއެއް ބާއްވާފައެވެ. އޯގަސްޓް 21 ގައި އޮތް މި ޖަލްސާއަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ އާޓިފިޝަލް ބީޗު ފުރާލާފައިވާކަން ފާހަގަކުރެވެއެވެ.
ޕީއެންއެފް އަކީ ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެން އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. ރައީސް ޔާމީނަށް ރައިސްކަމަށް ކުރިމަތިލެއްވޭ ގޮތް ނުވުމުން ބަދަލުގައި ނުކުމެވަޑައިގަތް ރައީސސް މުޢިއްޒާއި މައްސަލަ ޖެހި ރައީސް ޔާމީން ވަނީ މުޢިއްޒުގެ ވެރިކަމުގެ ކުރީކޮޅު ވަކިވެ ވަޑައިގެންފައެވެ.
ރައީސް މުޢިއްޒަށް ރައްޔިތުންގެ މެދުގައި އޮތް ތާއިދު ދުވަހެއް ދުވަހަކަށް ކުޑަވަމުން ދާ ދުވަސްވަރެއްގައި ޕީއެންއެފުން މިފަދަ ބޮޑު ޖަލްސާއެއް ބާއްވަން އިޢުލާން ކުރުމުން ސަރުކާރުގެ ފިއްތުންތައް އެޕާޓީއަށް ކުރިމަތި ވާނެކަމަށް ބެލެވެއެވެ. ސަރުކާރުން ވަނީ މީގެ ކުރިންވެސް ޕީއެންއެފްގެ ހަރަކާތްތަކަށް ދަތިތައް ކުރިމަތިކޮށްފައެވެ.






ރިއެކްޓް