ޚަބަރު

ޕްރެޝަރު ބޮޑުވެ ކަސްޓަމުގެ އިސް ދެ ބޭފުޅަކު މަޤާމުން ވަކިކޮށްފި

29 އޮކްޓޫބަރު 2025 - 11:58
ޕްރެޝަރު ބޮޑުވެ ކަސްޓަމުގެ އިސް ދެ ބޭފުޅަކު މަޤާމުން ވަކިކޮށްފި

ސިނގިރޭޓާއި ގުޅުންހުރި ބޮޑެތި މައްސަލަތައް ގިނަވެ, އެންމެ ފަހުން އެމްޕީއެލް ޕޯޓެއްގައި ހުރި ކޮންޓެއިނަރތަކެއް ވަގަށް ނެގުމުން އޭގެ ސަބަބުން ސަރުކާރަށް ޕްރެޝަރު ބޮޑުވެ, ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު ވަޒީފާއިން ވަކިކޮށްފިއެވެ.

ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ބޯޓަކުން މީގެ އެއް އަހަރު ކުރިން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓް ހިފެހެއްޓުމަށްފަހު ބޮންޑެޑް ވެއާހައުސްއެއްގައި ހުއްޓާ އެ ސިނގިރޭޓްތައް ގެއްލުނު މައްސަލާގައި ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރީ ކަސްޓަމުގެ ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ އަބްދުﷲ ވަހީދު އާއި މަހުމޫދު ރިޔާޒު ކަމަށް މަޢުލޫމާތިު ލިބެއެވެ.

މިކަން ހާމަކުރައްވަމުން ރައީސް ޑރ. މުޢިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން (241 ކޮމިޓީ އިން) ދިރާސާކުރައްވާފައިވާ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ދިވެހިރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނޭނގި ޤާނޫނާއި ގަވާއިދާ ޚިލާފަށް އެ ބޮންޑެޑް ވެއަރހައުސްއިން ނެރެފައިވާ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން އަޅުގަނޑަށް ފޮނުއްވި ސިޓީގައި ދެއްވާފައިވާ މަޢުލޫމާތާއި ލަފާއަށް ރިޢާޔަތްކޮށް، ޑެޕިޔުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ގެ މަޤާމުގައި ތިއްބެވި 2 ބޭފުޅަކު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ވަކިކޮށް، ކަސްޓަމްސް ގެ އިތުރު 3 މުވައްޒަފަކާއި ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޢަމަލުކުރައްވަމުންގެންދަވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން، ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން، އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް އަންގައިފިން." މިފަދައިންނެވެ.

ކަސްޓަމްސް އިން މި މުވައްޒަފުން ވަކިކުރެވުނު މައްސަލައަށް އެއް އަހަރު ވެފައިވާއިރު ކަސްޓަމްސސްގެ އެތެރޭގައި ބޮޑެތި ޖަރީމާތަކެއް ހިންގާކަމުގެ ބޮޑެތި ތުހުމަތުތަކއް މިހާރު ވަނީ އަމާޒުވެފައެވެ. ދާދި ފަހުން ހިނގައިދިޔަ ސިނގިރޭޓް  ކޮންޓެއިނަރ ވައްކަމުގެ ސަބަބުން އިތުރުވެގެންދިޔަ މި ތުހުމަތުތަކާއި ގުޅިގެން ސަރުކާރަށށް ކުރިމަތިވާން ފެއްޓި ޕްރެޝަރު ކުޑަކުރުމުގެ ގޮތުން ކަސްޓަމްސްގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓްތަކެއް ވަނީ ދާދިފަހުން މީޑިއާއަށް ހާމަކޮށްގެން އަންދާލާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0