ހިނގާ ޚަރަދަކަށް ބެލުމެއްނެތި ރައީސް މުޢިއްޒު ރިކޯޑު ހެއްދެވުމުގައި
ރާއްޖޭގެ މާލީ ހާލަތު ދުވަހަކުވެސް އަޑިއަށް ނުދާ ވަރަށް އަޑިއަށް ގޮސްފައި އޮތް ދުވަސްވަރެއްގައި ބޮޑެތި އެތައް ޚަރަދެއް ކުރައްވައި ރިކޯޑުތައް ހެއްދުވުމުގެ ސިލްސިލާގެ ދަށުން މާދަމާ އައު ރިކޯޑެއް ހެއްދެވުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ތައްޔާރުވެއްޖެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މާދަމާ ނުވަތަ ބުރާސްފަތި ދުވަހު ސަރުކާރުން ޚާއްސަ ހަފްލާއެއް ބާއްވައި ހަދަން އުޅޭ ރިކޯޑަކީ އެއްފަހަރާ އެންމެ ގިނަ މަޝްރޫޢުތަކުގައި ސޮއި ކުރުމުގެ ރިކޯޑެވެ. ރައީސް އޮފީހުގެ ތެރެއިން ލިބޭ މަޢުލޫމާތުތަކަށް ބުރަވާނަމަ, މާދަމާގެ ހަފްލާގައި 200 އަށްވުރެ ގިނަ މަޝްރޫޢުގައި ސޮއި ކުރެވިގެންދާނެ އެވެ. މިއީ ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ބިޑުނުކޮށް މަޝްރޫޢުތަކުގައި ސޮއިކުރާ ފަހަރެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ މީގެ ކުރިންވެސް އެތައް މިލިއަން ރުފިޔާ ޚަރަދުކޮށް ރިކޯޑު ހެދުމަށް މަސައްކަތް ކޮށްފައެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ރިކޯޑަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލު ހުޅުވި ރަސްމިއްޔާތުގައި ހެދި ހަވާ އެރުވުމުގެ ރިކޯޑެވެ. މިއީ ބަޑިބޭސް އުފައްދާ ޤައުމުތަކަށް ވަރަށް ފަސޭހައިން އައު ކުރެވޭނެ ރިކޯޑަކަށް ވެފައި ރާއްޖެފަދަ ބަޑިބޭސް އިމްޕޯޓްކުރާ ޤައުމަކުން އެތައް މިލިއަން ރުފިޔާ ޚަރަދުކޮށް ރިކޯޑު ހަދަން އުޅުމުން އެތައް ބައެއްގެ ފާޑުކިޔުން ރައީސް މުޢިއްޒުގެ ސަރުކާރަށް އަމާޒުވިއެވެ.
ދެން އޮތީ އެންމެ ފަހުން ޤާއިމުކުރި ރިކޯޑެވެ. އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ މީހުން ދިރިއުޅޭ ރަށަކަށް ދިއުމުގެ ރިކޯޑެވެ. ކުރިން ވެފައިވާ ވަޢުދުތަކުގެ ހަނދާން އައު ކުރުމާއި ނުފުއްދި ހުރި ވަޢުދުތައް ފުއްދާނެކަމަށް އިތުރަށް ވަޢުދުވުމުގައި ބޮޑުބައި ހޭދަކުރެއްވި މި ދަތުރުތަކަށް ރައީސް ފެއްޓެވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ދެން އެންމެ ފާހަގަވާ އެއް ރިކޯޑަކީ މުޅި ދުނިޔޭގެ އެއްވެސް ވެރިއަކު މިހާތަނަށް ހޯދާފައިވާ ރިކޯޑެއް ނޫނެވެ. އެކަކު އެންމެ ގިނަ އޭޓީއެމް ހުޅުވުމުގެ ރިކޯޑު ރައީސް މުޢިއްޒު ފުރިހަމަ ކުރައްވާފައިވަނީ އެއް އަހަރަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައެވެ. ރައީސް މުޢިއްޒު ވަނީ މިހާތަނަށް 40 އަށް ވުރެ ގިނަ އޭޓީއެމް އެމަނިކުފާނުގެ އަތްޕުޅުން ހުޅުވައިދެއްވާފައެވެ.
އަދި މީގެ އިތުރުން ފާހަގަކޮށްލެވޭ އެއް ރިކޯޑަކީ އެންމެ ގިނަ ވަގުތަށް ދެމިގެންދިޔަ ނޫސް ކޮންފަރެންސްގެ ރިކޯޑެވެ. އެއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ގިނަ ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް ނުދެއްވައި ރައީސް ބޭއްވި ނޫސްކޮންފަރެންސެވެ.
މީގެ އިތުރުންވެސް ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ އެތައް ރިކޯޑެއް ހަދާފައެވެ. އޭގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މަޝްރޫޢުތައް ކެންސަލް ކޮށް ކޮންޓްރެކްޓްތައް ބާތިލްކުރުމުގެ ރިކޯޑާއި މަޝްރޫޢު ނުހިންގައި ބަޖެޓު ހުސްކުރުމުގެ ރިކޯޑު ހިމެނެއެވެ.






ރިއެކްޓް