މިނިސްޓަރ ޝަހީމުގެ ދަރިފުޅު ކަސްޓަމަށް ދައްކަންޖެހޭ 1.2 މިލިއަން ރުފިޔާ އަދިވެސް ނުދައްކާ
ފޮރުވައިގެން ވޭޕުގެ އާލާތްތަައް ރާއްޖެއަށް އެތެރެކުރިކަމުގެ ކުށުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ ދަރިފުޅު އަބްދުالله މާހިލް ޝަހީމް ކަސްޓަމްސް އަށް ދައްކަންޖެހޭ 1,230,000ރ ގެ ޖޫރިމަނާ އަދިވެސް ނުދައްކާކަން ހާމަވެއްޖެއެވެ.
މިދިޔަ އޯގަސްޓްމަހުގެ ތެރޭގައި މަހީލް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމުން އަތުލައިގަތް ވޭޕާއި ވޭޕުގެ އާލާތްތަކާއި ގުޅިގެން ދުންފަތުގެ ބާވަތްތައް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކާކަން ހާމަވީ ކަސްޓަމުން ޢާޢްމުކުރި ލިސްޓުންނެވެ.
ކަސްޓަމްސް އިން މި ލިސްޓު ޢާއްމުކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.
މަހީލްއަކީ ރައީސް ޑރ. މުޢިޒުގެ ސަރުކާރުން އުފެއްދި "ޔޫތް އެޑްވައިޒަރީ ބޯޑު" ގައި ހިމެނޭ ޒުވާނެކެވެ. ނަމަވެސް ވޭޕްގެ މައްސަލަ ފެންމަތިވުމުގެ ފަހުން މަހީލް ވަނީ އެ ބޯޑުން އިސްތިއުފާ ދެއްވާފައެވެ.
މިލިސްޓުގެ އެންމެ ކުރީގައި އޮތީ ސަލްޓަންސް އޮފް ދަ ސީސް ޕވޓ. ލޓޑ. އެވެ. އެ ކުންފުނިން އިމްޕޯޓު ޑިއުޓީއާއި ޖޫރިމަނާގެ ގޮތުގައި 110 މިލިއަނަށްވުރެ ގިނަ ފައިސާ ކަސްޓަމަށް ނުދައްކާ ހުރިކަމަށްވެއެވެ.
މި ލިސްޓުގައި ގިނައީ ދުންފަތް ކޮންޓްރޯލް ޤާނޫނުގެ ދަށުން ކޮށްފައިވާ ޖޫރިމަނާތަކެވެ.






ރިއެކްޓް