ޚަބަރު

ފޭދޫން އިހުސާނަށް ބޮޑު ތަފާތަކުން ނޫނެކޭ ބުނެފި

25 އޮކްޓޫބަރު 2025 - 17:38
ފޭދޫން އިހުސާނަށް ބޮޑު ތަފާތަކުން ނޫނެކޭ ބުނެފި
ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް ގޮވާލާ އިހުސާން ބޭއްވި ޖަލްސާގެ ތެރެއިން - ފޮޓޯ: ނިޝާން އަލީ/ މިހާރު ނޫސް

އައްޑޫގައި ވަކިވަކި ކައުންސިލްތައް ހެދުމުގެ ރިފަރެންޑަރަމްގެ ވޯޓުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ ރަށުން އޭނާއަށް ބޮޑުތަނުން "ނޫނެކޭ" ބުނެފި އެވެ. 

އައްޑޫގެ ފޭދުއައި ހުޅުދުއާއި މީދޫގައި ސިޓީ ކައުންސިލުން ވަކިވެފައިވާ ކައުންސިލްތަކެއް ހެދުމަށް ފެނޭތޯ ނެގި ވޯޓު ނިމިފައިވާއިރު, ވޯޓު ގުނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. 

މިހާތަނަށް ގުނި ފޮށިތަކުގެ ތެރެއިން ފޭދޫގެ ފަސް ފޮށި ގުނާ ނިމިފައިވާއިރު, ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ވޯޓު ދީފައިވަނީ 370 މީހުންނެވެ. އައްޑޫ ސިޓީ ކައުންސިލްގައި ފޭދޫ އޮންނަން ފެންނަ ކަމަށް 1,015 މީހަކު ވަނީ ވޯޓު ދީފަ އެވެ. 

މި ވޯޓުގައި ސަރުކާރު ސްޓޭންޑެއް ނެތް ކަމަށް ބުނިނަމަވެސް, ސިޓީ ކައުންސިލުންވަކިވެ ފޭދޫއިން އަމިއްލަ ކައުންސިލެއް އުފެއްދުމަށް އިހުސާން ވަނީ ވަރަށް ބޮޑަށް ކެމްޕެއިނު ކުރައްވައިފަ އެވެ. 

ވޯޓަށް ދެ ދުވަހަށް ވެފައިވަނިކޮށް އެ ރަށުގައި އިހުސާން ބޭއްވި ޖަލްސާއެއްގައި ވިދާޅުވީ ރަށު ކައުންސިލުގެ ދަށުން ހިންގާ ރަށްރަށުން ސިޓީ ކައުންސިލު ހަދަން ބޭނުން ނުވަނީ އެ މީހުންނަށް ރަށު ކައުންސިލުގެ ދަށުން ހިންގާތީ ލިބޭ ފައިދާ އެނގޭތީ ކަމަށާއި ފޭދޫއަށް ވެސް ފައިދާ ބޮޑުވާނީ އެ ގޮތުން ކަމަށެވެ. ސިޓީ ކައުންސިލެއްގެ ދަށުގައި އޮވެގެން މިދިޔަ ދުވަސްތަކުގައި އާދަޔާ ހިލާފު ތަރައްގީއެއް ލިބިފައި ނުވާ ކަމަށް ވިދާޅުވެ އޭނާ ވަނީ ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. 

"ފޭދު އަށް އޮންނަން ޖެހޭނީ ފޭދޫ ރައްޔިތުންނަށް ފުރިހަމަ ބާރު ހިނގާ، ފޭދޫ ރައްޔިތުން އެދޭ ގޮތަށް ކަންކަން ނިންމާ އަމިއްލަ ފޭދޫ ކައުންސިލެއް ކަމަށް," އިހުސާން ވިދާޅުވެފައިވެ އެވެ. 

މި ވޯޓު ސިފަވެގެންދަނީ އިހުސާނާއި އޭނާގެ ބައްޕަ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) އަށް ލިބުނު ބޮޑު ނާކާމިޔާބީއެއްގެ ގޮތުގަ އެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 3
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0