ކުޅިވަރު

އޭޝިއަން ޔޫތު ގޭމްސް 2025: ވަރުގަދަ ތައިލެންޑުން ރާއްޖޭގެ ވޮލީ ޓީމު ބަލިކޮށްފި

23 އޮކްޓޫބަރު 2025 - 23:37
އޭޝިއަން ޔޫތު ގޭމްސް 2025: ވަރުގަދަ ތައިލެންޑުން ރާއްޖޭގެ ވޮލީ ޓީމު ބަލިކޮށްފި

ބަހްރައިންގައި މިހާރު ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ އަބްދުﷲ ޝަރަފް އަލީއާއި މުހައްމަދު އިކްރާމް އިސްމާއީލް ރަޝީދު ކުޅުނު ހަތަރުވަނަ މެޗުން މި ރީޖަންގެ އެންމެ ވަރުގަދަ ޓީމު، ތައިލެންޑު އަތުން ބަލިވެއްޖެއެވެ.

މަނަމާގެ ސަމާ ބޭ ބީޗް ބޯލް އެރީނާގައި ތައިލެންޑްގެ ކިޓިވަޓް ސުވަންސިރިރާޓާއި ބޯންޔައިޓް މަނީވާނާ ދެކޮޅަށް ޝަރަފާއި އިކުރާމްގެ ޕެއާ ކުޅުނު މެޗުގެ ސެޓުތައް ތައިލެންޑްގެ ޕެއާއިން ގެންދިޔައީ 21-9 އަދި 21-12 އިންނެވެ. 

މެޗުގެ ދެ ސެޓުގައިވެސް ރާއްޖޭގެ ޕެއާއިން ވަނީ ރަނގަޅަށް ކުޅެފައެވެ. ހާއްސަކޮށް ސެޓުގެ ކުރީކޮޅުގައި ސްކޯ ފެނިގެން ދިޔައީ އެއްވަރު އެއްވަރުކޮށެވެ. 

ޝަރަފާއި އިކްރާމްގެ ޕެއާއިން މީގެ ކުރިން މުބާރާތުގައި ކުޅުނު މެޗުތަކުގައިވެސް ރަނގަޅަށް ކުޅެފައިވާ އިރު، ގިނަ މެޗުތަކެއްގައި ސެޓުތައް ގެންގޮސްފައިވެސްވެއެވެ. 

މެޗަށްފަހު ޝަރަފް ބުނީ ތައިލެންޑް ކަހަލަ ވަރުގަދަ ޓީމެއް ކައިރިން ރަނގަޅު ވާދައެއް ކޮށްލެވުމުން ހިތްހަމަ ޖެހޭ ކަމަށާއި، މިހާރު ތަޖުރިބާ ލިބެމުންދާ ވަރަކަށް ކުޅުން ރަނގަޅު ކުރެވެމުންދާ ކަމަށެވެ. ހާއްސަކޮށް ބަހްރެއިންގެ ކޯޓުތަކަށް މިހާރު ރަނގަޅަށް ހޭނެމުންދާ ކަމަށްވެސް ޝަރަފް ފާހަގަކުރިއެވެ. 

ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޕެއާއަށް ދެން ގްރޫޕް ބީގައި ބާކީ އޮންނާނީ ހޯސްޓް ބަހްރެއިނާ ދެކޮޅަށް ކުޅޭ މެޗެވެ. އެމެޗު އޮންނާނީ މާދަމާ ރޭ ރާއްޖެ ގަޑިން 9:00 ގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0